Tuesday, 28 July 2026

ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ލުޔެއް ދިނުމަށް އެމެރިކާއިން ގޮވާލައިފި

ވަށާލާފައިވާ ފަލަސްތީނުގެ ސަރަހައްދުން އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކުރަމުންދާއިރު، އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް ލުޔެއް ދިނުމަށް އެމެރިކާގެ އޮފިޝަލުން ތަކުރާރުކޮށް ގޮވާލައިފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން މެދުއިރުމައްޗަށް ދަތުރުފުޅު ފައްޓަވާފައިވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ސަރަހައްދީ ހަމަނުޖެހުމަކަށް ބަދަލުވެދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ގަލްފުގެ އަރަބި ލީޑަރުންނާ އެއް ދުވަހުގެ ބައްދަލުކުރެއްވުމަށް ފަހު އޭނާ އިޒްރޭލަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޣައްޒާއަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި ޣައްޒާއަށް ބޮޑެތި ހަމަލާތަކެއް ދީ، 23،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އިޒްރޭލުގެ އޮފިޝަލުން ވަނީ އަމާޒުކުރެވިފައިވާ ހަނގުރާމައިގެ އާ މަރުހަލާއަކަށް ވަންނަމުން ދާކަމަށް ބުނެފަ އެވެ.

ބްލިންކެން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ސައުދީ އަރަބިއްޔާގައި ހޯމަ ދުވަހު މަޝްވަރާކުރައްވައި، ހަމަނުޖެހުންތަކުން އަރައިގަނެވޭނެ މަގެއް ކަނޑައެޅުމަށް މަސައްކަތް ކުރައްވާފައެވެ.

ސައުދީ ދައުލަތުގެ ނިއުސް އެޖެންސީ އެސްޕީއޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ވަނީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލައި ސުލްހައިގެ މަގެއް ހެދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެސްޕީއޭ އިން ބުނީ އެމްބީއެސް އިން ބާރު އަޅަނީ ހަމަޖެހުން ގާއިމުކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ގާނޫނީ ހައްގުތައް ހޯދައިދިނުމަށް ކަމަށެވެ.

ބްލިންކެން ވިދާޅުވީ ޣައްޒާގައި އާންމުންގެ ފުރާނަ ގެއްލިގެން ދިއުން ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި، ފަލަސްތީނު މީހުން އެނބުރި ގައުމަށް ދިއުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އިޒްރޭލުގެ އޮފިޝަލުންނަށް ފަހުން ބައްދަލުވުމުގައި އަންގަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ތުރުކީ، ސައުދީ އަރަބިއްޔާ، އުރުދުން، ގަތަރު އަދި ޔޫއޭއީއިން ޣައްޒާއަށް "ދުވަހުން ދުވަހަށް" ދިމާވާ ސިނާރިއޯތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވިސްނާނެ ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 23،084 މީހުން މަރުވެ، 58،926 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެންމެ ފަހުން 24 ގަޑިއިރުގެ ރިޕޯޓިން ޕީރިއަޑްގައި 249 މީހުން މަރުވެ، 510 މީހުން ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *