ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ޕޯލިއޯ ވެކްސިން ޖެހުމުގެ ހަރަކާތެއްގެ ތެރެއިން އެ މީހުންގެ ވެހިކަލަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ފަސް ފުލުހަކު މަރުވެ، ގާތްގަނޑަކަށް ދެ ޑަޒަނެއްހާ މީހުން ޒަހަމްވެއްޖެ އެވެ.
އޮފިޝަލުން އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި ބޮން ގޮއްވާލާފައިވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އަފްޣާނިސްތާނުގެ އަވަށްޓެރި ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ އަވަށެއް ކަމަށްވާ ބަޖާއުރުގައި އެވެ.
ޒަހަމްވި މީހުންގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިއަސް ކަމަަށް އޮފިޝަލުން ބުނެއެވެ.
"ބޮން ގޮއްވާލީ މިއަދު ފަތިހު ޕޮލިއޯ ވެކްސިން ޖަހަން ފުލުހުންގެ ޓީމު ނުކުތް ވަގުތު. ޒަހަމްވި ގިނަ މީހުން ބަޖާއުރުގެ ލޯކަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާއިރު ކްރިޓިކަލް ޕޭޝަންޓުން ވަނީ ޕިޝާވަރަށް ފޮނުވާފައި،" ޕްރޮވިންޝަލް ރެސްކިއު ސާވިސަސްގެ ތަރުޖަމާނު ބިލާލް ފާއިޒީ ވިދާޅުވެފައި ވެއެވެ.
މި ހަމަލާގެ ޒިންމާ އަދި ވަކި ފަރާތަކުން އުފުލާފައެއް ނުވެއެވެ.
ފާއިތުވި އަހަރުތަކުގައި ޕާކިސްތާން ތާލިބާނުން ވަނީ ޕާކިސްތާނުގައި ޕޯލިއޯ ވެކްސިން ޖަހާ ގިނަ އަދަދެއްގެ މީހުންނާއި ސަލާމަތީ އޮފިޝަލުން މަރާލާފަ އެވެ.
ޕާކިސްތާނުގައި ޕޯލިއޯ އިމިއުނައިޒޭޝަން ހަރަކާތަށް ދެކޮޅު ހެދުން އިތުރުވީ 2011 ވަނަ އަހަރު ޕާކިސްތާނުގެ އަވަށެއް ކަމަށްވާ އެބޮޓާބާދުގައި މަރުވި އުސާމާ ބިން ލާދިން ހޯދުމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ފޭކް ވެކްސިން ހަރަކާތެއް ބޭއްވުމާ ގުޅިގެންނެވެ.
ޕާކިސްތާން-އަފްޣާނިސްތާން ބޯޑަރު ސަރަހައްދުގެ ދީނީ ލީޑަރުން ވެސް ވަނީ އެ ވެކްސިންގައި އިސްލާމްދީނުގައި މަނާކޮށްފައިވާ ބަނގުރަލާއި ރާގެ ނިޝާންތައް ހުރި ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރާފަ އެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނަކީ ވައިލްޑް ޕޯލިއޯ ވައިރަސް ޓައިޕް 1 (ޑަބްލިއުޕީވީ-1) ބަލިން ސަލާމަތްވެފައިވާ ކަމަށް މިހާތަނަށް ކަނޑައެޅި ދެ ގައުމެވެ.
ގްލޯބަލް ޕޯލިއޯ ނައްތާލުމުގެ އިނީޝިއޭޓިވްއިން ބުނި ގޮތުގައި "ޕޯލިއޯ އިން ސަލާމަތްވެފައިވާ" ގައުމެއްގެ ގޮތުގައި ބަލައިގަތުމަށް، ޑަބްލިއުޕީވީ-1 ފެތުރޭ މިންވަރު މަދުވެގެން ތިން އަހަރު ވަންދެން ފެންނަން ޖެހެ އެވެ.
ޕާކިސްތާނުގައި 2023 ވަނަ އަހަރު ޕޯލިއޯގެ ހަ ކޭސް ފެނިފައިވާއިރު، މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ޕޯލިއޯ ވެކްސިން ޓީމަށް ހަމަލާ ދީފައި މިވަނީ ޕާކިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.


