ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ޖެހިޖެހިގެން ހަތަރު ވަނަ ދައުރަކަށް އިންތިޚާބު ކާމިޔާބު ކުރައްވައިފި އެވެ.
170 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝް އަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މި އަހަރު އިންތިހާބު ބާއްވާ ފުރަތަމަ ގައުމެވެ. ނަމަވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާ ގާތްގަނޑަކަށް 120 މިލިއަން މީހުންގެ ތެރެއިން ވޯޓުލީ މީހުންގެ ނިސްބަތަކީ އެންމެ 40 ޕަސެންޓް ކަމަށް ޗީފް އިލެކްޝަން ކޮމިޝަނަރު ކާޒީ ހަބީބުލް އަވާލް އާދީއްތަ ދުވަހުބޭއްވި ވޯޓިން ބްރީފިންގައި ވަނީ ވިދާޅުވެފަ އެވެ.
އާދީއްތަ ދުވަހު ބޭއްވި އާންމު އިންތިހާބާ ދިމާކޮށް އެގައުމުގައި ސިޔާސީ ހަމަނުޖެހުންތަކެއް އުފެދުނެވެ. އެގޮތުން ވޯޓު ލުމުގެ ކުރިން ވޯޓުލާ މަރުކަޒުތަކުގައި ރޯކޮށްލާފައިވާއިރު، ރޭލުގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ ކުޑަކުދިންނާއެކު ހަތަރު މީހަކު މަރުވެފައިވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ.
އިގްތިސާދީ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ބަންގްލަދޭޝްއިން، މިދިޔަ އަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރުގެ ލޯނެއް ވެސް ނަގަން ޖެހުނެވެ.
2009 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި ހަސީނާ ވެރިރަށް ޑާކާގައި ވޯޓު ލެއްވިއިރު، އެކަމަނާ އަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ އަވާމީ ލީގުގެ ކޯލިޝަނަށް ލިބުނު ޖުމްލަ ފަސް ވަނަ ކާމިޔާބީއެވެ.
ރައްޔިތުންގެ ޑިމޮކްރެޓިކް ޙައްޤުތަކާއި، ރަނގަޅު ދިރިއުޅުމެއް ލިބުމުގެ ޙައްޤުވެސް މިވަނީ ޤާއިމުކުރެވިފައި ކަމަށާއި އެއީ އެންމެ ބޮޑު އަމާޒުކަމަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަސީނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމަކީ މިނިވަން ގައުމެއް – އަޅުގަނޑުމެންނަކީ ކުޑަ ބައެއް ކަމަށް ވެދާނެ، އެކަމަކު ބޮޑު އާބާދީއެއްއަޅުގަނޑުމެންގެ އެބައޮތް،" އެކަމަނާ ވިދާޅުވި އެވެ.
މައި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީން އިންތިހާބު ބޮއިކޮޓް ކުރީ އިސްތިއުފާ ދެއްވައި ނިއުޓްރަލް ކެއާޓޭކަރ ސަރުކާރަކަށް އިންތިހާބު ހިންގަން ފުރުސަތު ދިނުމަށް ހަސީނާ ވީ އެއްބަސްވުންތަކަށް ހަސީނާ އިންކާރު ކުރެއްވުމުންނެވެ.
ސިޔާސީ ހަމަނުޖެހުންތަކާއި ވޯޓުލާ މީހުންނަށް ބިރުދެއްކުމުގެ މައްސަލަތައް އިތުރުވަމުންދާތީ ފާޑުކިޔާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ހަސީނާ އާއި އެކަމަނާގެ ސަރުކާރު އެއް ޕާޓީއެއްގެ ނިޒާމަކަށް މިސްރާބު ޖަހާފައިވާ ކަމުގެ އިންޒާރު ދީފައެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އިންފްލޭޝަން މަތިވުން ކޮންޓްރޯލް ކުރުމަށް އެހީވުމުގެ ގޮތުން މަނިޓަރީ ޕޮލިސީ ހަރުކަށިކޮށް އެކްސްޗޭންޖް ރޭޓް ފްލެކްސިބިލިޓީ ބޮޑުކުރުމަށް މިދިޔަ މަހު އަންގާފައިވާއިރު، އިގްތިސާދީ ކަންބޮޑުވުންތައް ވެސް އެ ގައުމަށް ވަނީ ކުރިމަތިވެފަ އެވެ.


