އިސްރާއިލުން ލުބުނާނުގެ ބެއިރޫތަށް ދިން ހަމަލާއެއްގައި ހަމާސްގެ ޑެޕިއުޓީ ލީޑަރު ސާލިހް އަރޫރީ ޝަހީދުކޮށްލައިފި އެވެ.
ހިޒްބުالله ޖަމާއަތުން ބުނީ ހަމާސްގެ އިސް ލީޑަރު ސާލިހް އަރޫރީ ޝަހީދުވެފައި ވަނީ ބެއިރޫތުގެ ދެކުނުގެ އަވަށެއްގައި އެއްޗެއް ގޮއްވާލައިގެން ކަމަށެވެ.
ސާލިހް އަރޫރީ އަކީ ހަމާސްގެ އަސްކަރީ ގޮފީގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ހުޅަނގު އައްސޭރީގައި އެ ޖަމާއަތުގެ ފޯރި އިސްކޮށް ހުންނެވީ ވެސް އޭނާ އެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލާއި ހަމާސް ހަނގުރާމަ ފެށުމުގެ ކުރިންވެސް އޭނާ މަރާލާނެ ކަމުގެ އިންޒާރު ދީފައެވެ.
ލުބުނާނުގެ ވެރިރަށާއި، ލުބްނާނުގެ ދެކުނުގެ އަވަށްތަކުގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން ހަތަރު މީހުން ވަނީ މަރުވެފަ އެވެ.
ހަމާސް އިން ބުނީ މި މަރާއެކު ޣައްޒާގައި ހިނގަމުންދާ ހިތްވަރުގަދަ ދެކޮޅުވެރިކަމަށް ބުރޫނާރާނެ ކަމަށެވެ. ހަމާސްގެ އިސް އޮފިޝަލް އިއްޒަތު އަލް ރިޝްގު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޣައްޒާގައި ދުޝްމިނުންގެ ހަރުކަށި އެއްވެސް އަމާޒެއް ހާސިލް ނުކުރެވި އޮތްކަން އަނެއްކާވެސް ސާބިތުވާ ކަމަށެވެ.
ހިޒްބުاللهގެ ލީޑަރު ސައްޔިދު ހަސަން ނަސްރުالله ލުބުނާނުގައި ފަލަސްތީނުގެ އޮފިޝަލުންނަށް އިސްރާއީލުން އަމާޒުކުރާ ކޮންމެ ހަމަލާއަކުން ބަދަލު ހިފާނެ ކަމަށް ވައުދުވެފައިވާ އިރު، ލުބުނާނުގެ ވަގުތީ ބޮޑުވަޒީރު ނަޖީބު މިކާތީ ވަނީ ބޮން ގޮއްވާލުމަކީ އިޒްރޭލުގެ އާ ޖަރީމާއެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވައި، އެއީ ލުބްނާން ހަނގުރާމައިގެ ތެރެއަށް ވައްޓާލަން ކުރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.


