Monday, 26 October 2026

ފަލަސްތީނުގެ ރެފިއުޖީންނަށް އިންޑިއާއިން 2.5 މިލިއަން ޑޮލަރު ހަދިޔާކޮށްފި

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީދޭ ޖަމިއްޔާއެއް ކަމަށްވާ އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) އަށް 2.5 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

ރާމަاللهގައި ހުންނަ ފަލަސްތީނު ސްޓޭޓަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ރެޕްރެޒެންޓޭޓިވް އޮފީހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އިންޑިއާއިން އަހަރަކު ފަސް މިލިއަން ޑޮލަރު ދޭނެ ކަމަށް ވައުދުވެފައިވާ ކަމަށެވެ. އަދި މި ހަވާލުކުރީ އެ އަދަދުގެ ދެވަނަ ބައި ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ. މި ޑޮނޭޝަންގެ ފުރަތަމަ ބައި ރިލީޒްކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެ ފައިސާ ހަވާލުކޮށްފައިވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް ފޯރުކޮށްދޭ ތައުލީމާއި ސިއްހީ ހިދުމަތާއި ރިލީފް އަދި އިޖުތިމާއީ ހިދުމަތްތައް ހިމެނޭ ގޮތަށް ޔޫއެންއާރުޑަބްލިއުއޭ އެޖެންސީގެ މައިގަނޑު ޕްރޮގްރާމްތަކާއި ހިދުމަތްތަކަށް އެއްބާރުލުން ދިނުމަށްކަމަށް މި ޕޯސްޓްގައި ބުނެފައި ވެއެވެ.

ފަލަސްތީނުގެ އެތައް މިލިއަން ރެފިއުޖީންނެއް އުރުދުން، ލުބުނާން، ސީރިއަން އަރަބް ރިޕަބްލިކް، ޣައްޒާ އަދި ހުޅަނގު އައްސޭރީގެ އިތުރުން އިރުމަތީ ގުދުސް ހިމެނޭ ގޮތަށް 58 ކޭމްޕެއްގައި ދިރިއުޅެ އެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ ޝަހީދުވެ، ރެފިއުޖީ ވެފައެވ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާގެ ޓީމުތަކުން ޕާޓްނަރުންނާއެކު ޣައްޒާގެ އުތުރާއި ދެކުނުގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހައި ރިސްކް މިޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މަޑުމަޑުން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ޣައްޒާގައި މަރުވި މީހުންގެ އަދަދު އިތުރުވަމުން ދިޔަވަރަކަށް އިންޑިއާއިން ވަނީ ހަމަނުޖެހުންތަކާ މެދު ވަރަށް ހަރުކަށި ސްޓޭންޑެއް އުފައްދައިފަ އެވެ.

އެގޮތުން ޑިސެމްބަރު މަހުގެ މެދުތެރޭގައި އިންޑިއާއިން ވަނީ ޣައްޒާގައި ވަގުތުން އިންސާނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދގެ އާންމު މަޖިލީހުން ފާސްކުރި އާ ގަރާރަށް ތާއީދުކޮށްފަ އެވެ.

"ވަގުތުން އިންސާނީ ހަނގުރާމަ ހުއްޓާލުމަށް" ގޮވާލާ ގަރާރުގައި ވަނީ "ރަހީނުކޮށްފައިވާ އެންމެން ޝަރުތެއް ނެތި ދޫކޮށްލުމަށާއި، އިންސާނީ ވަސީލަތްތައް ކަށަވަރުކޮށްދިނުމަށް" ގޮވާލާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *