ފަލަސްތީނުގެ ތަރައްގީގެ ބައިވެރިއެއް ގޮތުގައި އަބަދުވެސް ދެމިތިބޭނެކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤްވާމީގޮތުން ފާހަގަކުރި ފަލަސްތީނު ރައްޔިތުންނާއެކު އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން މޯދީ ނެރުނު ހާއްސަ ބަޔާނުގައި ވަނީ ދުނިޔޭގެ މުޖުތަމަޢުގެ ކުރިމަތީގައި ޒަމާނުއްސުރެ ހިނގަމުން އަންނަ ފަލަސްތީނުގެ މިނިވަންކަމުގެ މައްސަލައަކީ އެންމެން ވެސް ވިސްނާލަން ޖެހޭ ކަމެއްކަމަށް ވިދާޅުވެފަ އެވެ.
ހަމައެހެންމެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގިންކަން މި ބަޔާނުގައި މޯދީވަނީ އަރުވާފަ އެވެ. އަދި ޤައުމު ބިނާކުރަން ކުރާ މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް ވިދާޅުވެފައި ވެއެވެ.
އަދި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވެލްފެއަރ އެޖެންސީ (ޔޫ.އެން.އާރް.ޑަބްލިއު.އޭ) އަށް ފޯރުކޮށްދޭ ޚިދްމަތްތަކުން ވެސް ދައްކުވައިދެނީ އެކަމަށް އިންޑިޔާއިންް ދޭ އަހަމިއްޔަތުކަން މި ބަޔާނުގައި ބުނެފައި ވެއެވެ.
ޔޫ.އެން.އާރް.ޑަބްލިއު.އޭގެ ދައުރަށް މީގެކުރިންވެސް އިންޑިޔާއިން އަންނަނީ ތާއީދުކުރަމުންނެވެ. އަދި އެ ރިލީފް ފަންޑް މެދުވެރިކޮށް ކޮންމެ އަހަރަކު އިންޑިޔާއިން އަންނަނީ ފަސް މިލިޔަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދެމުންނެވެ.
ޢައްޒާއަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން ކުރިމަތިވެފައިވާ ކާރިސާއަށް އިންޑިއާއިން ވަނީ 16.5 ޓަނުގެ ބޭހާއި މެޑިކަލް ސާމާނާއެކު 70 ޓަނުގެ އިންސާނީ އެހީވެސް ފޮނުވާފައެވެ.


