ދުނިޔޭގައި އެކިއެކި ތަފާތު ކަންކަން ކުރަމުން އަންނަ މީސްމީހުންގެ ޚަބަރު ކޮންމެ ދުވަހަކު ވެސް ނޫސްތައް ފަޅުފިލުވަމުން ގެންދެއެވެ. މި ފަހަރު މި އޮތީ ވަރަށް ތަފާތު ކަމެއް ކުރި މީހެއްގެ ވާހަކަ އެކެވެ.

ސައޫދީ އަރަބިއްޔާއަށް ނިސްބަތްވާ 70 އަހަރުގެ ބޭފުޅަކު މުޅި ޤުރުއާން އެއްކޮށް އެންމެ 6 (ކުކުޅު) ބިމުގައި ލިޔުއްވި ވާހަކާއިން 2018ވަނަ އަހަރުގެ އޮގަސްޓު މަހުގެތެރޭ މުޅި ދުނިޔެއަށް ވަނީ ހައިރާންކަން ގެނުވައިފައެވެ.
ސައޫދީ އަރަބިއްޔާގެ ބުރައިދާ ސިޓީއަށް ނިސްބަތްވާ އަޙްމަދު ޢަބްދާނަކީ ޤުރުއާން ހިތުދަސް ބޭފުޅެކެވެ. އެބޭފުޅާއަކީ އަތުލިޔުމާއި ކެލްގަރަފީގެ މަސައްކަތް ކުރުމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ހުންނަވާ ބޭފުޅެކެވެ.
އެބޭފުޅާ ލިޔުމުގެ މަސައްކަތްޕުޅުގައި އުޅުއްވާތާ ގާތްގަނޑަކަށް 40 ހަކަށް އަހަރު ވެދާނެކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
ހަ ބިހުގައި މުޅި ޤުރުއާން އެއްކޮށް ލިޔުއްވުމަކީ މާ ފަސޭހަފުޅު ކަމަކަށް ނުވާނެއެވެ. އަކުރު ވަރަށް ކުދިކުދިކޮށް ލިޔެގެން މެނުވީ އެ ކަން ކާމިޔާބެއް ނުވާނެއެވެ. އަދި އެ ބިސްތަކުގައި ލިޔެފައިވާ އެއްޗެއް ކިޔޭނީ ވެސް ބޮޑުވާ ބިއްލޫރި ފަދަ އެއްޗެއްގެ ބޭނުން ކޮށްގެންނެވެ.

މި ކަވި މަސައްކަތް، އަބްދާން ކުރައްވައިފައި ވަނީ ކޮޅަށް ހުންނަވައިގެންނެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އިށީނދެވަޑައިގެން އިންނަވައި އެހާ ކުދިކުދިކޮށް އަކުރު ލިޔުއްވަން އުނދަގޫފުޅު ކަމަށެވެ. އެހެންކަމުން ބިސްތަކުގައި ލިޔުއްވި ކޮންމެ އަކުރެއް އަބްދާން ލިޔުއްވައިފައިވަނީ މުޅިން ވެސް ކޮޅަށް ހުންނަވައިގެންނެވެ.

70 އަހަރުގެ ބޭފުޅަކަށް މިވަރުގެ ބޮޑު މަސައްކަތްޕުޅެއް ކުރެއްވޭނީ އެ ކަމަށް ނުހަނު ވަރުގަދަ ލޯތްބަކާއި ޝައުގުވެރިކަމެއް ހުންނަވާތީއެވެ.
އިސްލާމްދީނަށް ޚިދުމަތް ކުރުމަށް ވަކި އުމުރެއް ނޯންނާނެކަމުގެ ރިވެތި ނަމޫނާ ޢަބަދާން މިވަނީ ދައްކަވައިދެއްވއިފައެވެ. އަޅުގަނޑުމެން ކޮންމެ މީހަކު ވެސް މި ނަމޫނާއިން ޢިބުރަތް ލިބިގަންނާން ވީއެވެ. އެ މީހަކަށް ލިބިފައިވާ ކުޅަދާނަކަމެއްގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން އިސްލާމްދީން މަތިވެރި ކުރުމަށް އަވަސްވެގަންނަމާ ހިނގާށެވެ!


