Tuesday, 28 July 2026

ގެއްލިގެން ހޯދި ގަޑި

ޒުވާން ފިރިހެން ކުއްޖަކު ދިޔަ ކައިވެނި ޕާޓީއަކުން، އޭނާގެ ފަށާ ތަޢުލީމުގެ ކިލާސްތަކުންކުރެ ކިލާހެއްގައި ކިޔަވައިދެއްވި ޓީޗަރަކު ފެނުނެއެވެ. ޓީޗަރު ފެނުމާ އެކު އޭނާ ޓީޗަރުކައިރިއަށް އަވަސް އަވަހަށް ދިޔައެވެ. އަދި ހުރިހާ އިޙްތިރާމަކާއި ޤަދަރަކާ އެކު އެ ޓީޗަރާ ސަލާމް ކުރުމަށްފަހު އަހާލިއެވެ. "އޭ ލޮބުވެތި ޓީޗަރެވެ! އަހަރެންނަކީ ކާކުކަން ތިބާ ހަނދާން އެބަހުރިހެއްޔެވެ؟"

ޓީޗަރު އަވަސްގޮތަކަށް ޖަވާބުދެއްވިއެވެ. "ނޫން! ތިބާގެ އަމިއްލަ ތަޢާރަފެއް ކުޑަކޮށް ދީބަލަ!"

އެ ޒުވާނާ ކިޔައިދޭންފެށިއެވެ. "ތިބާއީ އަހަރެންނަށް ގްރޭޑް 3ގައި ކިޔަވައިދެއްވި ޓީޗަރެކެވެ. އަހަރެންނަކީ އެ ކިލާހު އެހެން ކުއްޖެއްގެ އަތުކުރީ ގަޑި ވަގައްނެގި ކުއްޖާއެވެ. އެ ކަން ހިނގައި ދިޔަގޮތް ތިބާއަށް ވެސް ރަނގަޅަށް އެނގޭނެއެވެ. އެހެންނަމަވެސް އަހަރެން އެ ވާހަކައިން ތިބާއަށް ހަނދާން އާ ކޮށްލަދޭނަމެވެ."

އެ ޒުވާނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "އަހަރެމެންގެ ކިލާހުގައި އުޅުނު ކުއްޖަކު ވަރަށް ޗާލު އަތުކުރީ ގަޑިއެއް ކިލާހަށް ގެނައެވެ. އޭތި ފެނިފައި އަހަރެންގެ ހިތުގައި އެއަށް ޝައުޤެއް އުފެދުނެވެ. އަދި އެ ގަޑި ވަގަށް ނެގީމެވެ. އެ ކުއްޖާ ރޮމުން ތިބާގެ ކައިރިއަށް ގޮސް، އޭނާގެ ގަޑި ގެއްލުނު ކަމުގެ ޝަކުވާކުރިއެވެ. ތިބާ ކިލާހު އެންމެންގާތު ކޮޅަށްތެދުވުމަށް ބުންޏެވެ. އެންމެންގެ ޖީބުތަށް ބަލާ ފާސްކުރުމަށެވެ. އަހަރެންގެ މި ނުބައި ޢަމަލު އެންމެންގެ ތެރޭގައި ބޭޒާރުވާނޭ ކަމުގެ އިހުސާސް އަހަންނަށް ކުރެވެންފެށީ ދެނެވެ. ހުރިހާ ދަރިވަރުންނާއި ޓީޗަރުންގެ ކުރިމަތީ ވަގުބަދުނާމުއެޅި އަހަރެން ފަޟީޙަތްވާން ކައިރިވެއްޖެ ވަގުތު އައިސްޖެހިއްޖެ ކަމަށް އަހަރެންގެ ޟަމީރު އަހަރެންގާތު ބުނަމުން ދިޔައެވެ. އަދި އޭގެސަބަބުން މުޅި އުމުރަށް މި އިލްޒާމުން ސަލާމަތް ނުވާނެކަން ވެސް އެނގުނެވެ.

ކިލާހު ހުރިހާ ދަރިވަރުންގާތު ތިބާ ބުނީ ކޮޅަށްތެދުވެ ފާރާވީފަރާތަށް އެނބުރި ލޯމަރައިގެން ތިބުމަށެވެ. ފަހަރަކު ދަރިވަރެއްގެ ޖީބު ވަކިވަކިން ފާސްކުރަމުން ތިބާ ކުރިޔަށް ދިޔައެވެ. އަހަރެންނާ ހަމައަށް އާދެވުމުން އަހަރެންގެ ޖީބުން ތިބާ އެގަޑި ނެގިއެވެ. އަދި ހުއްޓުމެއްނެތި، އެންމެފަހު ކުއްޖާއާއި ޖެހެންދެން ޖީބުތަށް ފާސްކުރިއެވެ.

ހުރިހާ ދަރިވަރުން ފާސްކޮށްނިމުމުން، ތިބާ ކިލާސް ކުދިންގާތު، ލޯހުޅުވައިގެން އިށީނުމަށް ބުންޏެވެ. އަހަރެންގެ ކަކުލުހުޅު އެއްވާނަކަށް ރޫރޫ އަޅައަޅާހުއްޓެވެ. އަހަރެން ހީކުރީ ހުރިހާ ދަރިވަރުންގެ ތެރޭ ތިބާ އަހަރެން ބޭޒާރުކޮށް ފަޟީޙަތް ކޮށްލާނީކަމަށެވެ.

ހުރިހާ ކުދިން އިށީނުމުން ތިބާ އެގަޑި ދައްކާލިއެވެ. އަދި އޭގެ ވެރިކުއްޖާއަށް ގަޑި އަނބުރާ ރައްދުކުރިއެވެ. ގަޑި ފެނުނީ ކާކުގެ ޖީބަކުންކަމެއް ތިބާ ނުބުނެއެވެ. އަހަންނާ ދިމާއަށް ވެސް އެއްވެސް ބަހެއްނުބުނެއެވެ. އަދި އެ ވާހަކަ އެހެން އެކަކަށް ވެސް ތިބާ ކިޔައެއް ނުދެއެވެ.

އަދިވެސް އެ ޒުވާނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "އަހަރެންގެ މަދުރަސީ ދައުރު ނިމެންދެން ވެސް އެއްވެސް ޓީޗަރެއް އަދި ދަރިވަރެއް ވެސް، ގަޑިއެއް ވަގަށްނެގި ވާހަކައެއް އަހަންނަކާ ނުދައްކައެވެ. އަހުރެން އަމިއްލަ ނަފްސަށްބުނީމެވެ. ތިބާ އެ ދުވަހު އަހަރެންގެ އަބުރު ރައްކާތެރިކޮށްދީފިއެވެ."

ކުޑަކޮށް ހިނިތުންވެހުރެ ޓީޗަރު ބުންޏެވެ. "އަހަރެންނަކަށް ނޭނގޭ އެ ދުވަހު ގަޑި ވަގަށްނެގީ ކޮން ކުއްޖެއް ކަމެއް، އެއީ އެދުވަހު ކުދިންގެ ޖީބުތައް ފާސްކުރަމުން ދިޔައިރު ޙުދު އަހަރެން ވެސް ހުރީ ލޯމަރައިގެން!"

މިއީ ތަޢުލީމީ މުޙިއްމު ފިލާވަޅެކެވެ. ތަރުބިޔަތުގެ ޙިކްމަތްރެތި ޢަމަލެކެވެ. އަޅުގަނޑުމެންނަކީ މި ކަހަލަ ޓީޗަރުންކަމުގައި ވާން އެބަޖެހެއެވެ. މިފަދަ ބެލެނިވެރިން ކަމުގައި ވާން އެބަޖެހެއެވެ. މިފަދަ ވެރިން ކަމުގައި ވާން އެބަޖެހެއެވެ. އަދި އެހެން މީހުންނަށް ޓަކައި ހެޔޮއެދޭ ބަޔަކު ކަމުގައި ވާން އެބަޖެހެއެވެ. ބޭޒާރުކޮށް ފަޟީޙަތް ކުރުމަށްވުރެ، ރައްކާތެރިކަންދީ ރަނގަޅުކުރުވުން މުޙިއްމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *