މިއީ ޙަޤީޤީ ހާދިޘާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގެ އަޞާޞްތައް ނަގައިފައި ވަނީ މިކަން މެދުވެރި ކުއްޖާ 2019ވަނަ އަހަރު އޭނާގެ ޓުވިޓަރ އެކައުންޓުގައި މި ކަމުގެ ޚަބަރު ދީފައިވާ ޕޯސްޓު ތަކުންނެވެ. އަސަރުން ފުރިގެންވާ މިޓްވީޓްތައް 3000ހަށްވުރެ ގިނަފަހަރު ޝެއަރ ކޮށްފައިވާއިރު، 8600އަށްވުރެ ގިނަ ލައިކާއި ޕޮސިޓިވް ރިއެކްޝަންތަށް ލިބިފައިވެއެވެ. އަދި އެތައްބަޔަކު ގެންދަނީ އަޔޫޝަށް މަރުހަބާއާއި ތަހުނިޔާކިޔާ ހިތްވަރުދެމުންނެވެ.
*******************************************
ނައިޖީރިއާ އަންހެން ކުއްޖަކު އިސްލާމްވެ، 5 އަހަރު ވަންދެން އެކަން ސިއްރުކޮށްފައި ބޭއްވީ، އޭނާގެ މަންމައަށް ވެދާނެ ގޮތެއް ނޭނގޭތީއެވެ.
އަޔޫޝް ހަދެޔާ ބުނެފައިވަނީ [އަހަރެން އިސްލާމްވި ވާހަކަ މަންމަ ގާތު ބުނަން ފަސްއަހަރު ނަގިއެވެ…] އެ ހުރިހާ ދުވަހަކު އަހަރެން ވިސްނަމުން ގެންދިޔައީ އެ ވާހަކަ މަންމަގާތު ބުނާނީ ކިހިނަކުން ކަމާ މެދެވެ. އެ ވާހަކަ އަޑުއަހައިފައި މަންމައަށް ޙާޓްއެޓޭކެއް ޖެހި، މަރު ނުވާނެބާއޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. މި ކަހަލަ ބިރުވެރިކަމެއްގައި އެ ދުވަސްތައް ގުނަމުން އަހަރެން ދިޔައީމެވެ. އެއް ދުވަހަކު އަހަރެންނަށް ރައްޓެއްސަކު ގުޅާފައިބުނީ [ދެން ތިޔަ ވާހަކަ މަންމަ ގާތު ބުނާށެވެ! ކޮންމެ ގޮތަކަށް ކަންތައްވިޔަސް… ވާކަމެއް ވާނީ ﷲގެ އިރާދަފުޅާ އެކުނޫން ހެއްޔެވެ.]
އެކުވެރިޔާ ދިން ހިތްވަރާ އެކު އަޔޫޝް މަންމަގާތު އޭނާ އިސްލާމް ވެގެންހުރި ވާހަކަ ބުނެފިއެވެ. އޭނާގެ ޙަޔާތުގައި އިސްލާމްވުމަށް މެދުވެރިވި ސަބަބާއި އަލުން މި ދީން ދޫނުކުރާނީ ކީއްވެގެންކަން ވެސް މަންމަގާތު ބުންޏެވެ. މި ގޮތުގައި އުޅެންފެށުމުން އޭނާގެ ޙަޔާތަށް އައި ހެޔޮބަދަލުތަކުގެ ވާހަކަތައް ވެސް ކިޔައިދިނެވެ. ފޯންކޯލާ އެކު ކަންތައް ވެގެން ތިޔަގޮތް ކިޔައިދެމުން އަޔޫޝް ބުނީ އެ ވާހަކަ އަޑުއިވުމުން މަންމަ އޭނާދެކެ ވަރަށް ރުޅިއައިކަމަށެވެ. އަދި އެ ވަގުތުން ފެށިގެން އަޔޫޝް އެއީ ދަރިއެއް ކަމަށް ޤަބޫލު ނުކުރާނެ ކަމަށް ވެސް އޭނާގެ މަންމަ ބުންޏެވެ. [އެއްވެސް މީހަކު ދެން އަޔޫޝްގާތު މަންމައެއް ހުރޭތޯ އަހައިފިއްޔާ، މަންމަ އެއް ހުންނަކަމަށް ނުބުނައްޗޭ! މި ވަގުތުން ފެށިގެން ތީ މަގޭ ދަރިއެއްނޫން…!] އަޔޫޝް ހަދެޔާ ފެންކަޅިވެ ހުރެ މަންމަގެ ވާހަކަ ކިޔައިދިނެވެ.
އަޔޫޝް ދިރިއުޅެނީ މަންމަޔާ އެއް ޤައުމަކު ނޫނެވެ. މި ވާހަކަތައް އޭނާ މަންމަ އަށް ކިޔައިދިނީ ފޯނުންނެވެ. އަޔޫޝް އާއި އޭނާގެ މަންމަ އާ ދެމެދު އޮންނަނީ ރައްޓެހި ދެ އެކުވެރިންގެ ދެމެދު އޮންނަކަހަލަ ގާތް ގުޅުމެކެވެ. ކޮންމެ ދުވަހަކު ވެސް ގުޅައިގެން ދެމައިން ޙަޔާތުގެ ހުރިހާ ވާހަކައެއް ހިއްސާކޮށް އުފާވެރި ވަގުތުތައް ހޭދަ ކުރެއެވެ. އަޔޫޝާ އިސްލާމްވެ، އެކަން ސިއްރުކޮށްގެން ހުރެ ހޭދަކުރި 5 އަހަރު ވެސް ކަންހިނގައިފައި އޮތީ އެހެންނެވެ. މިއަދު އެ ވާހަކަ ބުނުމާ އެކު މަންމަ އައި ރުޅީގެ ސަބަބުން އަޔޫޝް ވަރަށް ދެރަވެ މާޔޫސްވިއެވެ. އަދި ދެ މީހުންނަށް ވެސް އިތުރަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ދެ މީހުން ވެސް ތިބީ ދެން ވާނެ ގޮތެއް ނޭނގޭތީ ބަސް ހުއްޓިފައެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތި ދެ މީހުން ވެސް ތިބެވުނީ ގަބުވެފައެވެ. އިރުކޮޅަކުން ރުޅިވެރިގޮތަކަށް އެއްޗެކޭ ބުނެފައި އަޔޫޝްގެ މަންމަ ފޯނުކަނޑައިލައިފިއެވެ.
އަޔޫޝްގެ މަންމަ ރުޅިވެރިކަމާ އެކު ފޯނު ކަނޑައިލުމުން އޭނާގެ މުޅި ޙަޔާތް ފުނޑުފުނޑުވި ކަހަލައެވެ. އޭނާގެ ކުރިމަތީ ޤިޔާމަތް ޤާއިމް ވެއްޖެއެވެ. ދިރިހުއްޓަސް އަޔޫޝް އެހުރީ މަރުވެފައެވެ. މަންމަގެ ހާލަކީ ވެސް އެއީއެވެ. ދެ ލޯފަދަ ލޯބިވާ ދަރިފުޅުގެ ފަރާތުން މި ލިބުނީ ދުވަހަކު ވެސް އޭނާގެ ޚިޔާލަށް ގެނެވިފައި ނުވާ ކަހަލަ ޚަބަރެކެވެ. މުޅި ދުނިޔެ ފަސާދަ ކުރުމުގެ އެންމެ ކުރީ ސަފުގައި ތިބޭ ޓެރަރިސްޓުންނާ އޭނާގެ ދަރިފުޅު ގުޅުނު ވާހަކައެވެ. ދެން އޭނާ ދިރި ހުއްޓާ ފެންނާނެ ކަމުގެ އުންމީދު އޮވެދާނެބާއޭ މަންމަގެ ހިތަށް އަރަމުން ދިޔައެވެ. އޭނާގެ ދަރިފުޅަށް މަގު އޮޅުވާލި ބަޔަކަށް ދުވަހަކު މަޢާފު ނުކުރާނެކަމަށް ހިތާހިތާ ބުނަމުން ދިޔައެވެ.
މަންމަ އާއި އަޔޫޝް މުޅި ދުވަސް ހޭދަކުރީ އެފަދަ ގޮތަކަށެވެ. އެރޭގެ ނިދިން ވެސް މަޙުރޫމުވެފައި އޭނާ އޮތީއެވެ. މާދަމާ ވެސް މަންމަ ނުގުޅއިފިއްޔާ ތިމަންނާއަށް ގުޅަން ނުކެރޭނެއޭ ހިތައި ހާސްވެ ފިކުރު ބޮޑުވެފައި އޮއްވައި ފަތިސްނަމާދަށް ބަންގި ގޮވައިފިއެވެ. އަނެއް ދުވަހުގެ މަސައްކަތުގައި އަޔޫޝްގެ އެއްވެސް ލޮނުހެޔޮވަރުކަމެއް ނެތެވެ. ރޭގައި ހިނގި ކަންތަކަށް ފަހު އޭނާއަށް ހަމަޖެހުމެއް ނާންނާތީއެވެ. މުޅި ދުވަސް ހޭދަވީ އެ ހިތާމައިގައެވެ.
އިރު އޮށްސުމުން އަޔޫޝަށް ވަރަށް ބޮޑަށް ރޮވެން ފަށައިފިއެވެ. ހިތްދަތިވެ ގިސްލެވޭހާ ވެއެވެ. މިއީ ކޮންމެ ދުވަހަކު ވެސް މަންމަ ގުޅާ ގަޑިއެވެ. އަޔޫޝް ޕޯނަށް ބަލަހައްޓައިގެން އިނދެ ރޮނީއެވެ. ހަދާނެގޮތް ބޮޑުވެ އިރުއިރުކޮޅާ ފޯނު ނަގައެވެ. މަންމައަށް ގުޅާފައި މައާފަށް އެދޭނީއޭ ހިތަށް އަރައެވެ. އެހެނަސް ޑައިލް ކުރާކަށް ނުކެރެއެވެ. މަންމަ ރުޅި އައިސްފައި ހުރިތަން އިތުރަށް ބަލަން ބޭނުން ނުވާތީއެވެ. އަނެއްކާ ވެސް ފޯނު ބާއްވާފައި ރޮނީއެވެ.
މިކަހަލަ ގޮތަކަށް އިންދާ ފޯނު ރިންގުވާން ފަށައިފިއެވެ. ގުޅަނީ މަންމައެވެ. އަޔޫޝް ވަރަށް އުފާވިއެވެ. ވަގުތުން ފޯނުނެގިއެވެ. މަންމަގެ ވާހަކަ ފެށީ އިއްޔެގެ ވާހަކަ ނިމުނު ރާގުގައެވެ. ރުޅިވެރިކަން އިންތިހާއެވެ. ދައްކަނީ މުސްލިމުންގެ ގޯސް ވާހަކައެވެ. ބުނެވެނީ އޭގެ ނުބައިކަމާ ސުންޕާކަން މަންމައަށް ކުރިމަތިވާން ޖެހޭ ސަބަބެއް ނުވިސްނޭކަމެވެ. އެ ހުރިހާ ވާހަކަ އަކީ ވެސް މީޑިއާގެ ޚަބަރުތަކުން މަންމައަށް އެނގިފައިވާ ވާހަކަތަކެއް ކަމާއި އިސްލާމްދީނަކީ އެފަދަ އެއްވެސް ގޯސްކަމެއް ހިނގާ ދީނެއް ނޫންކަށް އަޔޫޝަށް އެނގެއެވެ. ތަޖުރިބާ ކުރެވިއްޖެއެވެ. އެހެންކަމުން އަޔޫޝަށް އިޚްތިޔާރު ކުރެވުނީ ކީރިތި ޤުރުއާނުގެ އަދަބެވެ. ﴿فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا﴾ ( سورة الإسراء:٢٣) މާނައީ: "އެ ދެމީހުންނަށް "އުފް" ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!"
މަންމަ ބުނަން ބޭނުންވި ހުރިހާ ވާހަކައެއް ބުނަން ބޭނުންވި ގޮތަކަށް ބުނަންދެން އަޔޫޝް އިނީ ހިމޭނުންނެވެ. މަންމަގެ އެ ރީތި އަޑު އެހުމުގެ އުފާ ލިބިގަންނާށެވެ. މަންމަގެ މި ފޯނުކޯލަށް ފަހު އިތުރު ގުޅުމެއްނެތި ގިނަ ދުވަސްތަކެއް ހޭދަވިއެވެ. އެއަށްފަހު އަލުން އެދެމައިންގެ ގުޅުން ރަނގަޅުވި ގޮތްވެސް ޓްވީޓް ތަކުގައި އޭނާ ހިމެނިއެވެ.
މަންމަ އާއި އަހަރެންގެ މުޢާމަލާތް ދުވަސްކޮޅަކަށް މެދުކެނޑިފައި އޮތުމަށްފަހު، ބައެއްފަހަރު އަހަރެން ގުޅުމުން މަންމަ ފޯނުނަގަން ފަށައިފިއެވެ. އަދި ހަމައެކަނި ޙާލު ބަލާލާފައި ފޯނުބާއްވަނީއެވެ. މަޑުމަޑުން ދެކެވޭ ވާހަކަ އިތުރުވަމުން ގޮސް، ދުވަސްކޮޅެއްފަހުން މަންމަ އާއި އަހަރެންގެ ގުޅުން އިހުނެކޭ އެއްގޮތަށް އިޢާދަވާންފަށައިފިއެވެ. އެއްދުވަހަކު މަންމަ ބުނީ: [ތީ ދަރިފުޅު އީމާންވާގޮތް ކަމުގައި ވާނަމަ، ތިގޮތުގައި ޘާބިތުވޭ] މިހެންނެވެ. އަޔޫޝް ބުންޏެވެ.
އެތައްޒަމާނެއް ވަންދެން އޭނާއަށް ނުވެ އޮތް ކަންތަށް ކުރެވުނީ ﷲއަށް ވަކީލުކޮށް އެކަލާނގެއަށް ދެންނެވެމުން ކަމުގައި ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. [އަހަރެން މި ބުރަ ކޮނޑުގައި ބާއްވައިގެން އުޅޭތާ އެތައް އަހަރެއްވީއެވެ. އެހެނަސް ﷲއަށް ވަކީލުކޮށް މި ކަން ހާމަކުރުމުން، ﷲ މި ވަނީ މިއަޅާއަށް މި ކަމުން ނިކުންނާނޭ މަގު ފަހިކޮށްދެއްވައިފައެވެ.]
އަދި އޭނާވަނީ އޭނާގެ މަންމައަށް ހެޔޮދުޢާ ކޮށްދިނުމަށް އެންމެންގެ ކިބައިން އެދިފައެވެ. [އެންމެހާ ލޮބުވެތި މުސްލިމުންނޭވެ. ތިޔަބައިމީހުންގެ އިޚްލާޞްތެރި ދުޢާގައި އަޅުގަނޑުގެ މަންމަ ހިނމަނާދެއްޗޭ! ކޮންމެސް ދުވަހަކުން ﷲ މަންމައަށް ހިދާޔަތް ދައްކަވާފާނެތެވެ. އިރާދަ ކުރެއްވިއްޔާ ﷲ ތިބާ ކުރާ ހެޔޮޢަމަލަށް ފުރިހަމަ ޖަޒާދެއްވާށިއެވެ.]


