އިނގިރޭސިވިލާތާއި އޫރޫޕުގެ ގިނަ ޤައުމުތަކަށް އިރުކޭތަ ހިފުމާއެކު، އެ މަންޒަރު ބެލުމަށް މިލިއަނެއްހާ މީހުން އެއްވެއްޖެއެވެ. މި ހާއްސަ މަންޒަރު ބަލާލުމަށްޓަކައި ގިނަ އަދަދެއްގެ މީހުން ވަނީ އެކި ސަރަޙައްދުތަކަށާއި މަޝްހޫރު ބިނާތަކުގެ ކައިރިއަށް އެއްވެފައެވެ.
އިނގިރޭސިވިލާތުގެ ގިނަ ސަރަޙައްދުތަކަށް މި އިރުކޭތަ ހިފާފައިވަނީ ބައިކުޅައިގެ އިރުކޭތައެއްގެ ގޮތުގައެވެ. އަދި އިރުކޭތަ އެންމެ ބޮޑަށް ހިފާފައިވަނީ ހަވީރު 7:00 ގެ އިރުކޮޅެއް ފަހުންނެވެ. އިނގިރޭސިވިލާތުގެ ގިނަ ސަރަޙައްދުތަކަށް ފެނުނު އިރުގެ 90 އިންސައްތަ އަށްވުރެ ބޮޑު ބައެއް ހަނދުގެ ނިވަލަށް ވަދެފައިވާއިރު، ކޯންވާލް ސަރަޙައްދަށް އިރުގެ 95 އިންސައްތަ ވަނީ ނިވާވެފައެވެ.
ގްރީންލޭންޑް، އައިސްލޭންޑް އަދި ސްޕެއިންގެ ބައެއް ސަރަޙައްދުތަކަށް އިރުކޭތަ ފުރިހަމައަށް ހިފާފައިވެއެވެ. ހަނދުން އިރު މުޅިން ނިވާކޮށްލުމާ ގުޅިގެން، ކުރު ވަގުތުކޮޅަކަށް އެ ސަރަޙައްދުތަކަށް ވަނީ އަނދިރިކަން ވެރިވެފައެވެ.
އިނގިރޭސިވިލާތުގެ އުތުރުގެ ސަރަޙައްދުތަކާއި، ސްކޮޓްލޭންޑް އަދި ނޯދަން އަޔަރލޭންޑަށް ވިއްސާރަވެ ވިލާގިނަވުމުގެ ސަބަބުން އިރުކޭތަ ބެލުމަށް ހުރަސްތަކެއް ކުރިމަތިވިނަމަވެސް، މެދުތެރެއާއި ދެކުނު އިނގިރޭސިވިލާތުގެ އިތުރުން ވޭލްސްއަށް އުޑުމަތި ސާފުވުމުގެ ސަބަބުން މަންޒަރު ވަރަށް ރީތިކޮށް ފެނިފައިވެއެވެ.
މިއީ 1999 ވަނަ އަހަރަށްފަހު އިނގިރޭސިވިލާތަށް މިހާ ބޮޑަށް އިރުކޭތަ ހިފި ފުރަތަމަ ފަހަރެވެ.


