Tuesday, 28 July 2026
ޚާމަނާއީގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވަނީ -- ފޮޓޯ: މިޑްލް އީސްޓް އައި

ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވި ގިނަ ބަޔަކު ބަދަލުހިފުމަށް ގޮވާލައިފި

އީރާނުގެ ރޫޙާނީ އިސްލީޑަރު އާޔަތުﷲ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެމަނިކުފާނަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމަށް ތެހެރާންގެ ގްރޭންޑް މުސައްލާގައި ބާއްވަމުންދާ ރަސްމިއްޔާތުގައި ބައިވެރިވި ގިނަ ބަޔަކު ބަދަލުހިފުމަށް ގޮވާލައިފިއެވެ. މި ރަސްމިއްޔާތުގެ ދެވަނަ ދުވަހު ޚާމަނާއީގެ އާއިލާގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ދަނީ އެ ސަރަހައްދަށް އެއްވަމުންނެވެ.

މި ހިތާމަވެރި ރަސްމިއްޔާތުގެ ތެރެއިން މީހުން ދަނީ އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެގޮތުން "އެމެރިކާ ހަލާކުވެދިއުމަށާއި" އަދި "އިސްރާއީލު ހަލާކުވެދިއުމަށް" ގޮވާލައި ޝިއާރުތައް ދަނީ ފަތުރަމުންނެވެ. އެ ސަރަހައްދުގައި ތިބި މީހުން ބުނަމުންދަނީ މި އަވަހާރަކޮށްލުމުގެ ބަދަލު ހިފަންޖެހޭނެ ކަމަށެވެ.

އާޔަތުﷲ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ މީގެ ހަތަރު މަސް ކުރިން، އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދޭން ފެށި ވައިގެ ހަމަލާތަކުގެ ފުރަތަމަ ދުވަހުއެވެ. މި ހަމަލާ އަމާޒުވީ އެމަނިކުފާނުގެ އޮފީހުގައި ބައްދަލުވުމެއް ކުރިއަށް ދަނިކޮށެވެ. މި ހަމަލާގައި ޚާމަނާއީގެ އިތުރުން އެމަނިކުފާނުގެ އާއިލާގެ ބައެއް މެންބަރުންނާއި އަސްކަރިއްޔާގެ އިސް ބޭފުޅުންތަކެއްވެސް ވަނީ އަވަހާރަވެފައެވެ.

މި ހަމަލާތަކަކީ 40 ދުވަހަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ ހަމަލާތަކެއްގެ ފެށުމެވެ. މި ހަމަލާތަކުގައި ސިޔާސީ މަރުކަޒުތަކާއި އަސްކަރީ މަރުކަޒުތަކުގެ އިތުރުން، އާންމު ރައްޔިތުންނަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

މާދަމާގެ ވަގުތެއްގައި އީރާނުގެ ވެރިރަށް ތެހެރާންގެ އެކި ސަރަހައްދުތަކުގައި ޖަނާޒާގެ ހިނގާލުންތަކާއި ހާއްސަ ރަސްމިއްޔާތުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިވަގުތު މުޅި ތެހެރާން އޮތީ ހިތާމައިގެ ތެރޭގައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *