އިސްރާއީލުގެ ޖަލުތަކުގައި މެދުނުކެނޑި 40 އަހަރު ދުވަހުގެ ޖަލު ހުކުމެއް ފުރިހަމަކުރުމަށްފަހު މިނިވަންވި ފަލަސްތީނުގެ މާހިރު އަބްދުލް ލަތީފް ޔޫނިސް، އުމުރުން 68 އަހަރުގައި ނިޔާވެއްޖެ ކަމަށް ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ 'ވާފާ' އިން ރިޕޯޓްކޮށްފިއެވެ.
އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ހަތިޔާރު އެޅި ހަރަކާތްތަކުގައި ބައިވެރިވުމާއި ފަތަހަ ޖަމާއަތާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ޔޫނިސް ހައްޔަރުކުރީ 1983 ވަނަ އަހަރުއެވެ. އޭނާއަކީ އިސްރާއީލުގެ ޖަލުތަކުގައި އެންމެ ގިނަ ދުވަހު ހޭދަކުރި ފަލަސްތީނުގެ އަސީރުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
ޔޫނިސްގެ މައްޗަށް ފުރަތަމަ އިއްވީ މަރުގެ ހުކުމެއް ނަމަވެސް، ފަހުން އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރެވުނެވެ. އަދި އޭގެ ފަހުން އޭނާގެ ހުކުމް 40 އަހަރަށް ކަނޑައެޅި، އެ މުއްދަތު ހަމަވުމުން 2023 ވަނަ އަހަރު އޭނާ ވަނީ ޖަލުން މިނިވަންވެފައެވެ.
މާހިރު ޔޫނިސް ނިޔާވި ސަބަބެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. އޭނާ ނިޔާވިއިރު، އޭނާއަކީ ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދުގައި ކެތްތެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުން ދެކޭ ބޭފުޅެކެވެ.


