Tuesday, 28 July 2026
ފޮޓޯ: ސީއެންބީސީ

ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފި

ރަޝިޔާއިން ބުރާސްފަތި ދުވަހު ޔޫކްރެއިނަށް އަމާޒުކޮށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ވެރިރަށް ކީވްގެ އިތުރުން އެ ގައުމުގެ އެކި ސަރަހައްދުތަކަށެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، މިއީ ކަނޑާއި، އެއްގަމާއި، ވައިގެ މަގުން ދުރު ރާސްތާގެ ހަތިޔާރު ބޭނުންކޮށްގެން ދިން "މެސިވް ސްޓްރައިކް" އެކެވެ. މި ހަމަލާތަކުގައި ކީވްގެ އަސްކަރީ ސިނާއީ މަރުކަޒުތަކާއި ހަކަތަ އުފައްދާ ތަންތަނުގެ އިތުރުން، ޑްނިޕްރޯޕެޓްރޯވްސްކް، ޕޮލްޓާވާ، ޗެރްކާސީ އަދި ޗެރްނިހިވް ސަރަހައްދުތަކުގެ އަސްކަރީ ވައިގެ ބަނދަރުތަކަށް އަމާޒުކޮށްފައިވާ ކަމަށް މޮސްކޯއިން ބުނެއެވެ.

ކީވްގެ މޭޔަރު ވިޓާލީ ކްލިޓްޝްކޯ ޓެލެގްރާމް މެދުވެރިކޮށް ވިދާޅުވީ، ކީވްއަށް ބެލިސްޓިކް މިސައިލާއި ޔޫއޭވީ ހަމަލާތައް އަންނަނީ އަމާޒުވަމުން ކަމަށެވެ. މި ހަމަލާތަކުގައި މިހާތަނަށް 10 މީހުން މަރުވެ، 34 މީހުންނަށް އަނިޔާވެފައިވާ ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ. ޔޫކްރެއިނުން ބުނާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން މީހުން ދިރިއުޅޭ އިމާރާތްތަކުގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ހަމަލާތަކާ ގުޅިގެން އަވަށްޓެރި ގައުމުތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ޕޮލެންޑުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ރައްކާތެރިކުރުމަށް ފައިޓަރު ޖެޓްތައް އުދުއްސާލައި، އެއްގަމުން ދޭ ވައިގެ ދިފާއީ ނިޒާމުތައް ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. ފިންލޭންޑުން ވެސް ވަނީ ވަގުތީ ގޮތުން އެ ގައުމުގެ އިރުމަތީ ކަނޑުގެ ސަރަހައްދުގައި އޭވިއޭޝަން ރެސްޓްރިކްޝަން ޒޯނެއް ގާއިމުކޮށްފައެވެ.

މި ހަމަލާތައް ދީފައި މިވަނީ، ރަޝިޔާގެ އެންމެ ބޮޑު އެއް ސެޓެލައިޓް ކޮމިއުނިކޭޝަން ސެންޓަރަށް ޔޫކްރެއިނުން ހަމަލާދިން ކަމަށް ބުނިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ޔޫކްރެއިނުން ދަނީ ރަޝިޔާގެ އެތެރޭގެ ތެޔޮ ސާފުކުރާ ތަންތަނާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދުރު ރާސްތާގެ ޑްރޯން ހަމަލާތައް އިތުރުކުރަމުންނެވެ. ޔޫކްރެއިނުން ބުނާ ގޮތުގައި މީގެ ބޭނުމަކީ ރަޝިޔާއަށް ހަނގުރާމަ ކުރުމަށް ބޭނުންވާ ވަސީލަތްތައް މަދުކޮށް، ހަނގުރާމަ ހުއްޓާލުމަށް ބާރު އެޅުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *