އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުން ޕާކިސްތާނުގެ ސަރަހައްދުތަކަށް ޑްރޯން ހަމަލާތަކެއް ދީފިއެވެ. ތާލިބާނުން ބުނާ ގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ އިސްލާމިކް ސްޓޭޓް ޚުރާސާން (އައިއެސްއައިއެސް-ކޭ) ގެ މަރުކަޒުތަކަށެވެ. މި ހަމަލާތައް ދީފައިވަނީ ޕާކިސްތާނުގެ ބަލޯޗިސްތާން އަދި ޚައިބަރު ޕަޚްތޫންކުވާ ޕްރޮވިންސަށެވެ.
އަފްޣާނިސްތާނުގެ ޓޯލޯ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތާލިބާނުން މި ހަމަލާ ދިފާއުކޮށް ބުނެފައިވަނީ އެ ތަންތަނަކީ އަފްޣާނިސްތާނުގެ އާންމުންނާ ދެކޮޅަށް ހަމަލާތައް ރޭވުމަށް ބޭނުންކުރާ ތަންތަން ކަމަށެވެ. ޚައިބަރު ޕަޚްތޫންކުވާގެ ސަރަން ސަރަހައްދުގައި ހުރި ސްކޫލަކަށްވެސް ހަމަލާދީފައިވާއިރު، ތާލިބާނުން ބުނަނީ އެއީ އައިއެސްގެ ހަނގުރާމަވެރިން ފިލައިތިބި ތަނެއް ކަމަށެވެ.
ތާލިބާނުން މި ޑްރޯން ހަމަލާތައް ދީފައިވަނީ ޕާކިސްތާނުން އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދަށް ދިން ނުރައްކާތެރި ވައިގެ ހަމަލާތަކަކަށް ދެ ދުވަސް ފަހުންނެވެ. އދ. އިން ބުނާ ގޮތުގައި ޕާކިސްތާނުގެ ހަމަލާތަކުގައި 28 އާންމުން މަރުވެ 49 މީހުން ޒަހަމްވިއެވެ. ނަމަވެސް އަފްޣާން ސަރުކާރުން ބުނަނީ 38 އާންމުން މަރުވެ 163 މީހުން ޒަހަމްވި ކަމަށެވެ.
ތާލިބާން ސަރުކާރުން ހާމަކުރި ގޮތުގައި އެމީހުން ދިން ޑްރޯން ހަމަލާތަކުގައި އައިއެސްގެ އެތައް މެންބަރުންނެއް ވަނީ މަރާލާފައެވެ. އަދި މި ހަމަލާތަކުގައި އެއްވެސް އާންމު ރައްޔިތަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް ތާލިބާނުން ބުނެއެވެ.
ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި އަފްޣާނިސްތާނުން ދަނީ ޕާކިސްތާނަށް ހަމަލާދޭ ހަނގުރާމަވެރިންނަށް ހިމާޔަތް ދެމުންނެވެ. ނަމަވެސް ތާލިބާނުން މި ތުހުމަތުތައް ދޮގުކުރެއެވެ. މި ހާދިސާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ.


