Tuesday, 28 July 2026
ފޮޓޯ: ދަ ގާޑިއަން

ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު ސަތޭކައިން މައްޗަށް

ވެނެޒުއޭލާއަށް ސިކުންތުކޮޅެއްގެ ތަފާތުގައި އައި ބާރުގަދަ ދެ ބިންހެލުމެއްގައި މަދުވެގެން 164 މީހުން މަރުވެ، 971 މީހުންނަށް އަނިޔާވެއްޖެއެވެ. މި ކާރިސާއާ ގުޅިގެން މުޅި ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ސަރުކާރުން މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް) އިން މައުލޫމާތުދޭ ގޮތުގައި،އިއްޔެ އިރުއޮއްސުނު ވަގުތު ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އޭގެ އެންމެ 39 ސިކުންތު ފަހުން 7.5 މެގްނިޓިއުޑްގެ މާ ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ. މިއީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުންތަކެވެ.

މި ބިންހެލުންތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ވެރިރަށް ކަރަކާސް އަދި އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ލަ ގުއައިރާއަށެވެ. އެ ސަރަހައްދުތަކުން ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި، މީހުން ވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ. ސަލާމަތްކުރާ ފަރާތްތަކުން ރޭގަނޑު މުޅި ހޭދަކުރީ މީހުން ހޯދުމުގެ މަސައްކަތުގައި ކަމަށްވާއިރު، މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށް ކަމާބެހޭ ފަރާތްތަކުން އިންޒާރުދެއެވެ.

ވެނެޒުއޭލާގެ އެކްޓިންގް ޕްރެޒިޑެންޓް ޑެލްސީ ރޮޑްރިގޭޒް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައި، ގެއްލުން ލިބިފައިވާ އިމާރާތްތަކާ ދުރަށް ދިއުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. މި ހާދިސާއާ ގުޅިގެން ސްކޫލްތައް ބަންދުކޮށް، މެޓްރޯ، ރޭލު އަދި އެއާޕޯޓްގެ ހިދުމަތްތައް ވަނީ މެދުކަނޑާލާފައެވެ.

ފުރަތަމަ ބިންހެލުމަށްފަހު މިހާތަނަށް 30 އަށްވުރެ ގިނަ ލޮޅުންތައް (އެފްޓާޝޮކްސް) އައިސްފައިވާތީ، އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އެމެރިކާ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން މިހާރު ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައެވެ. އަދި ބައިނަލްއަގުވާމީ ރެސްކިއު ޓީމުތަކާއި އިންސާނީ އެހީދޭ ޖަމިއްޔާތަކުން ދަނީ އެހީގެ މަސައްކަތްތަކަށް ތައްޔާރުވަމުންނެވެ.

ވެނެޒުއެލާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން، އެ ޤައުމުގެ ވަގުތީ ރައީސް ޑެލްސީ އެލޮއީނާ ރޮޑްރިގޭޒް ގޯމޭޒަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *