ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި، އެ ސަރަހައްދުން ދަތުރުފަތުރު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމުގެ ޔަގީންކަން އީރާނާއި އޮމާނުން ދީފިއެވެ. މިކަން ހާމަކޮށްފައިވަނީ އޮމާންގެ މަސްކަޓްގައި ބޭއްވުނު މަތީ ފެންވަރުގެ ބައްދަލުވުމެއްގައެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އަދި އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލްބޫސައިދީ ބޭއްވި މި ބައްދަލުވުމުގައި، ހޮރްމޫޒް ކަނޑުއޮޅިއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބައިލޭޓަރަލް މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. ފާއިތުވި ހަފްތާތަކުގައި މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައެވެ.
އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލްބޫސައިދީ ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު ދާދިފަހުން ސޮއިކުރެވުނު އެމް.އޯ.ޔޫ އާ ގުޅޭގޮތުން، ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭ މާއްދާތަކަށް ބިނާކޮށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
"އަޅުގަނޑުމެން މިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުރުމަށާއި، އެއްވެސް ފީއަކާ ނުލައި ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކޮށްދިނުމަށް އެއްބަސްވެފައި،" އަލްބޫސައިދީ ވިދާޅުވިއެވެ.
މީގެ ކުރިން އީރާނުން ވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އުޅަނދުތަކުން ފީއެއް ނެގުމުގެ ވިސްނުން ގެންގުޅޭކަން ހާމަކޮށްފައެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގެ ހާލަތު ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ދެން ނުދާނެ ކަމަށްވެސް އީރާނުން ކުރިން ބުނެފައިވެއެވެ. ނަމަވެސް، މިހާރުގެ ނިންމުމާއެކު މިވަގުތަށް އެއްވެސް ފީއެއް ނުނަގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ނިންމުމަކީ ބައިނަލްއަގުވާމީ ވިޔަފާރިއަށާއި ތެލުގެ ބާޒާރަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް ބެލެވެއެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް ބޭރު ގައުމުތަކަށް ފޮނުވުމަށް ބޭނުންކުރާ އެންމެ މުހިންމު މަގެވެ.


