Tuesday, 28 July 2026
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ -- ފޮޓޯ: އިންގްލިޝް.އާވްސަތް

އެމެރިކާ އާއި އީރާނުގެ ސުލްހައިގެ އެއްބަސްވުމަށް މިއަދު ސުވިޒަލޭންޑްގައި ބައްދަލުކުރަނީ

އެމެރިކާ އާއި އީރާންގެ މަޝްވަރާ ކުރާ ފަރާތްތައް އިއްޔެ ވަނީ ވަގުތީ އެއްބަސްވުމުގައި ބާކީ ހުރި މުހިންމު ތަފްސީލުތައް ނިންމުމަށް މަޝްވަރާ ކުރުމަށް ސްވިޒަލޭންޑަށް ގޮސްފައެވެ.

މި ޓީމްތައް ސްވިޒަލޭންޑަށް ދިޔައީ އީރާންގެ ސަރުކާރުން ހޯރްމުޒް ސްޓްރެއިޓް ބަންދުކޮށްފިކަމަށް އިޢުލާން ކުރި ގަޑިއިރުކޮޅެއްގެ ފަހުންނެވެ. އެގޮތުން އީރާން ބުނެފައިވަނީ ލުބުނާނުގައި އިޒްރޭލުން ހިންގާ ލާއިންސާނީ ހަރަކާތްތައް ނުހުއްޓައިފިނަމަ، މި މަޝްވަރާތަކުން ބޮޑު ނަތީޖާއެއް ނުނެރެވޭނެކަމަށެވެ.

މިއަށް ރައްދު ދީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 60 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމެއް ނުވެވިއްޖެ ނަމަ، ހޯރްމުޒް ސްޓްރެއިޓް މެދުވެރިކޮށް ދަތުރު ކުރާ ކަނޑުއުޅަނދުތަކަށް އެމެރިކާއިން ފީ ނަގާނެކަމަށް އިންޒާރުދީފައެވެ.

މި މަޝްވަރާތަކަށް މެދުވެރިއެއް ގޮތުން މަސައްކަތް ކުރަނީ ޕާކިސްތާން އާއި ގަޠަރެވެ. އެގޮތުން ޕާކިސްތާން ބުނީ، ޓެކްނިކަލް ލެވެލްގެ މަޝްވަރާތައް އާދިއްތަ ދުވަހު ފަށާނެކަމަށެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ހޮނިހިރު ރޭ ސްވިޒަލޭންޑަށް ދިޔައިރު، އީރާންގެ ވަފުދުގައި މަޖިލިސް ރައީސް މުހައްމަދު ބާގިރު ގާލިބާފް، ވަޒީރު އަބްބާސް އަރާގްޗީ އަދި މާލީ އަދި ތެޔޮ ދާއިރާގެ ވެރިން ހިމެނޭކަމަށް އީރާންގެ ރަސްމީ މީޑިއާއިން ބުންޏެވެ. އެއްބަސްވުމުގެ ދަށުން ބިލިއަންތަކަށް ގިނަ ޑޮލަރުގެ އީރާންގެ ހުރިހާ ފައިސާ ހުޅުވާލައި ދޭން ވެސް އެއްބަސްވެފައިވެއެވެ.

އީރާންގެ ބޭރު ގުޅުންތަކުގެ މިނިސްޓްރީގެ ވާހަކަފުޅުގައި އިސްމާއީލް ބަގާއީ ބުނީ، ދާއިމީ އެއްބަސްވުމަށް މަޝްވަރާ ފަށާނީ އެއްބަސްވެވިފައިވާ މުހިންމު ޝަރުޠުތައް ތަންފީޒު ކުރުމަށް ފަހުގައިކަމަށެވެ.

އެއާއެކު، ލުބުނާންގައި އިޒްރޭލުން ހިންގި ޤަތުލްއާންމު ހަމަލާތަކުގައި މަދުވެގެން 16 މީހަކު މަރުވިކަމަށް ރިޕޯޓްތަކުން ދައްކާއިރު، ހިޒްބުﷲ ބުނީ އިޒްރޭލުން ފުރިހަމަ ސީޒްފަޔަރަކަށް އެއްބަސްވާނަމަ، އެ ފަރާތުން ވެސް ހަމަ އެ ފަދައިން އެއްބަސްވާނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *