އިސްރާއީލާއި ލުބުނާނުގެ ސަރުކާރާ ދެމެދު އެކުލަވާލި އެންމެ ފަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހިޒްބުالله ޖަމާއަތުން ބުރާސްފަތި ދުވަހު ރަސްމީކޮށް ދެކޮޅު ހަދައިފިއެވެ. އެ ޖަމާއަތުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ ކުރިން އިސްރާއީލުގެ ސިފައިން ލުބުނާނުގެ ބިންތަކުން އެއްކޮށް ފައިބަން ޖެހޭނެ ކަމަށެވެ.
ހިޒްބުاللهގެ ލީޑަރު ނައީމް ގާސިމް ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ މަޝްވަރާތަކަކީ "ލަދުވެތި އަދި އިހާނެތި" ކަންތައްތަކެއް ކަމަށެވެ. އަދި ހަނގުރާމައިގެ ތެރޭގައި ތިބެ ލުބުނާނުގެ ދެކުނުން ހިޒްބުاللهގެ ހަނގުރާމަވެރިން ފޭބުމަށް ބާރުއެޅުމަކީ ދުޝްމަނުންގެ މަގްސަދުތައް ހާސިލުކުރުމަށް ދެވޭ ފުރުސަތެއް ކަމަށާއި، އެއީ ބަލިގަބޫލުކުރުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މި ބަޔާނާ ގުޅިގެން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކުގައި ނުރައްކަލުގެ ސައިރަންގެ އަޑު އިވިފައިވެއެވެ. އޭގެ ތެރޭގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ބައެއް ވަޒީރުން ބައްދަލުވުމެއް ބާއްވަވަމުން ގެންދެވި ޝްލޯމީ އަވަށާއި ބޯޑަރު ކައިރީގެ އެހެން ސަރަހައްދުތައް ހިމެނެއެވެ. އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައިރަން އެޅުމުގެ ކުޑަވަގުތުކޮޅެއް ކުރިން ނަތަންޔާހޫ ވަނީ އެ ސަރަހައްދު ދޫކުރައްވައި ވަޑައިގެންފައެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ އދ. ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ތެރެއިން ސާބިއާގެ ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން ހަތަރު މީހުން މަރުވެފައިވާއިރު، ހިޒްބުالله އާއެކު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލުގެ ސިފައިންގެ މީހަކު ވެސް ވަނީ މަރުވެފައެވެ.
ލުބުނާނުގައި ހިނގަމުންދާ މި ހަނގުރާމައިގައި މިހާތަނަށް 3,500 އަށްވުރެ ގިނަ މީހުން މަރުވެ، 1.2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ. މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، ދެ ފަރާތުން ވެސް ގެންދަނީ ވަރުގަދަ ހަމަލާތައް ބަދަލުކުރަމުންނެވެ.


