ސީރިއާގެ ކުރީގެ ރައީސް ބަޝާރުލް އަސަދުގެ ވެރިކަމުގައި، މީގެ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ކުރިން އެކުދިންގެ މައިންބަފައިންނާއެކު ގެއްލުނު ދަތުގެ ޑޮކްޓަރު އަދި ކުރީގެ ޗެސް ޗެމްޕިއަން ރާނިއާ އަލް އައްބާސީގެ ދަރިން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ސީރިއާގެ ނޭޝަނަލް ކޮމިޝަން ފޯ މިސިންގް ޕާސަންސް (އެންސީއެމްޕީ) އިން ހޮނިހިރު ދުވަހު ބުނެފިއެވެ.
އެންސީއެމްޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑރ. ރާނިއާ އަލް އައްބާސީގެ ދަރިން މަރުވެފައިވާ ކަމަށް ޕްރޮފެޝަނަލް މިންގަނޑުތަކުން ކަށަވަރުކުރެވޭ ފަދަ އިތުބާރު ހުރި ހެކިތަކެއް ލިބިފައިވާ ކަމަށެވެ. މި ކުދިންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ރާނިއާ އަލް އައްބާސީ އާއި އޭނާގެ ފިރިމީހާ އަބްދުއްރަހްމާން ޔާސީންގެ އިތުރުން، އުމުރުން 3 އަހަރާއި 15 އަހަރާ ދެމެދުގެ ހަ ކުދިން ގެއްލިފައިވަނީ 2013 ވަނަ އަހަރުގެ މާރިޗު މަހު ދިމިޝްގުގައި ހުރި އެމީހުންގެ ގެއަށް ސަރުކާރުގެ ސިފައިން ވަދެ ހިންގި އޮޕަރޭޝަނެއްގައެވެ. ރާނިއާގެ ކޮއްކޮ ހަސަން އަލް އަބާސީ ފޭސްބުކްގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، ދިމިޝްގުގައި ހިންގި ގަތުލުއާންމެއްގެ މައި ތުހުމަތު ކުރެވޭ މީހާއާ ގުޅުންހުރި ވީޑިއޯތަކުން އެކުދިން ފެނިފައިވާ ކަމަށާއި، އެކުދިން ޝަހީދުވެފައިވާކަން މިހާރު ކަށަވަރުވާ ކަމަށެވެ.
ސީރިއާގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި، މި ކުދިން މަރާލުމުގެ ފަހަތުގައިވަނީ އަސަދުގެ ވެރިކަމުގައި ނުފޫޒުގަދަ އަދި 2013 ވަނަ އަހަރުގެ ތަދާމުން ގަތުލުއާންމު ހިންގި ކަމަށް ތުހުމަތުކުރެވޭ އަމްޖަދު ޔޫސުފެވެ. އަމްޖަދު ޔޫސުފް ހައްޔަރުކުރެވުނީ މިއަހަރުގެ އޭޕްރީލް މަހުގައެވެ. އޭނާއަކީ ލޯ މައްޗަށް ފޮތިގަނޑު އައްސާފައި ތިބި މީހުންގެ ގަޔަށް ބަޑިޖަހާ މަންޒަރު ފެންނަ ލީކުވެފައިވާ ވީޑިއޯއިން ފެންނަ މީހާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރާނިއާ އާއި އޭނާގެ ފިރިމީހާއަށް ވީގޮތެއް އަދިވެސް ރަސްމީކޮށް އެނގިފައެއް ނުވެއެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ލަފާކުރާ ގޮތުގައި އެމީހުންވެސް ވަނީ މަރުވެފައެވެ. ސީރިއާގައި ގެއްލިފައިވާ މީހުންގެ މައްސަލައަކީ އެ ގައުމުގައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. އެންސީއެމްޕީގެ އަންދާޒާގެ ގޮތުގައި އަސަދުގެ އާއިލާގެ ވެރިކަމުގައި 300,000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލުވާލާފައެވެ.


