ލާއޯސްގެ ޒައިސޮމްބޫން ޕްރޮވިންސްގެ ހޮހަޅައެއްގެ ތެރޭގައި ފެންބޮޑުވެ، ހަފުތާއަކަށްވުރެ ގިނަ ދުވަހު ތާށިވެފައި ތިބި ފަސް މީހަކު ސަލާމަތްކޮށްފިއެވެ. ނަމަވެސް މި ހާދިސާގައި ގެއްލުނު އިތުރު ދެ މީހަކު އަދިވެސް ފެނިފައިނުވާ ކަމަށް ރެސްކިއު ޓީމުތަކުން މައުލޫމާތުދެއެވެ.
މި ހަތް މީހުން ހޮހަޅައަށް ވަދެފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ރަން ހޯދުމުގެ މަސައްކަތަށެވެ. ނަމަވެސް ބޯކޮށް ވާރޭވެހި ހޮހަޅައިގެ ތެރޭގައި ކުއްލިއަކަށް ފެންބޮޑުވުމުގެ ސަބަބުން އެމީހުން ތިބީ ބޭރަށް ނުނިކުމެވި ތާށިވެފައެވެ. ސަލާމަތްކުރި ފަސް މީހުންގެ ތެރެއިން ފުރަތަމަ މީހާ ނެރެފައިވަނީ ހުކުރު ދުވަހުއެވެ. ބާކީ ތިބި ހަތަރު މީހުން ހޮހަޅައިން ނުކުމެފައިވަނީ ހޮނިހިރު ދުވަހު، ހޮހަޅައިގެ ތެރެއިން ފެން ހިއްކުމުގެ މަސައްކަތް ކާމިޔާބުވުމާ ގުޅިގެންނެވެ.
މެއްތަހަމް އެސޯސިއޭޝަން ރެސްކިއު ޔުނިޓުގެ ރައީސް ކެންގްކާޑް ބޮންގްކަވޮންގް ވިދާޅުވި ގޮތުގައި، ހޮހަޅައަށް ފެން ވަންނަ ދިމާ ބަންދުކޮށް، އާ ޑްރެއިނޭޖް ސިސްޓަމެއް ގާއިމުކޮށް ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުން ފެންގަނޑު ވަރަށް ބޮޑަށް ތިރިވިއެވެ. މީގެ ސަބަބުން ހޮނިހިރު ދުވަހު ތާށިވެފައި ތިބި ހަތަރު މީހުންނަށް އަމިއްލައަށް ހޮހަޅައިން ބޭރަށް ނުކުމެވުނެވެ.
މި އޮޕަރޭޝަންގައި ތައިލެންޑުގެ ތަޖުރިބާކާރު ޑައިވަރުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 2018 ވަނަ އަހަރު ތައިލެންޑުގެ ހޮހަޅައެއްގައި ތާށިވި ފުޓުބޯޅަ ޓީމުގެ ކުދިން ސަލާމަތްކުރުމުގައި އުޅުނު ބައެއް ޑައިވަރުންވެސް ހިމެނެއެވެ.
މިހާތަނަށް ފެނިފައިނުވާ ދެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ނަމަވެސް ހޮހަޅައިގެ ތެރޭގައި ފެން ބޮޑުވެފައިވުމާއި، މަގުތައް ހަނިވުމުގެ ސަބަބުން ހޯދުމުގެ މަސައްކަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެމީހުން ގެއްލުނުތާ މިހާރު 11 ދުވަސް ވެފައިވާއިރު، އެމީހުން ތިބި ތަނެއް އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ.
ސަލާމަތްކުރެވުނު ފަސް މީހުންނަށް މިހާރު ދަނީ މެޑިކަލް ޓީމުތަކުން ފަރުވާ ދެމުންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެމީހުން ހޮހަޅައިން ނުކުތުމާއެކު އާއިލާތަކުން ވަނީ ވަރަށް އަސަރާއެކު އެމީހުންނާ ބައްދަލުކޮށްފައެވެ.


