އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ ގަތުލުއާންމުގައި މިހާތަނަށް މަދުވެގެން 262 ނޫސްވެރިން ވަނީ މަރާލާފައެވެ. އަދި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސޮއިކުރި "ސީޒްފަޔަރ" އެއްބަސްވުމަށްފަހުވެސް، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އެ ސަރަހައްދުގައި އިސްރާއީލުން ވަނީ މަދުވެގެން 700 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައެވެ.
އިސްރާއިލުގެ ހަމަލާތައް އަނެއްކާވެސް ވަރުގަދަކޮށްފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ އެކު ވެފައިވާ "އަސްލު އެއްބަސްވުމަށް" ފުރިހަމައަށް އަމަލުކުރަންދެން އެމެރިކާގެ އަސްކަރިއްޔާ އީރާނާއި އެ ގައުމުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ދެމިތިބޭނެ ކަމަށް ބުނެފައިވަނިކޮށެވެ. ޓްރަމްޕްގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، މީގެ ތެރޭގައި އެމެރިކާގެ މަނަވަރުތަކާއި، މަތިންދާބޯޓުތަކާއި، އަސްކަރީ މުވައްޒަފުންގެ އިތުރުން ބޭނުންވާ ހަތިޔާރުތައް ހިމެނޭނެ ކަމަށެވެ.
ޓްރަމްޕް އިތުރަށް ބުނީ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ވަރުގަދަ ހަމަލާތަކެއް ދޭން ފަށާނެ ކަމަށެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށާއި، ހޯރްމޫޒް ކަނޑުއޮޅި އަމާންކަންމަތީ ހުޅުވިފައި އޮންނަންޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ.


