އޭޖީ އޮފީހުން ބުނީ، ޤާނޫނުއަސާސީއަށް އަށްވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ ދެ މަޤުޞަދެއް ޙާޞިލުކުރުމަށްޓަކައި އެކުލަވައިލާފައިވާ ބިލެއް ކަމަށެވެ. އެގޮތުން ފުރަތަމަ މަޤުޞަދަކީ ރިޔާސީ އިންތިޚާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުން ކަމަށާއި، ދެވަނަ މަޤުޞަދަކީ އެކަމަށް މަގުފަހިކުރުމަށްޓަކައި މަޖިލީހުގެ ދައުރު ފެށޭ ތާރީޚަށް ބަދަލު ގެނެސް، މިހާރު ހިނގަމުންދާ މަޖިލީހުގެ ޢުމުރު ފަސް އަހަރަށް ވުރެ ކުރުކުރުން ކަމަށް އެ އޮފީހުން ތަފްސީލުކޮށްދީފައިވެއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތަފާތު ރައުޔެއް ފާޅުކުރައްވާފައެވެ. ސުއޫދު ވިދާޅުވީ ވޯޓުގައި ކުރަން ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނުއަސާސީއާ އެއްގޮތަށް ފަރުމާކޮށްފައިވާ ސައްހަ ސުވާލެއް ނޫން ކަމަށެވެ. "ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަ ނަމަ، އެ ކަމަށް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ،" ކަމަށް ވިދާޅުވެ، މިހާރު އޮތް ސުވާލަކީ ގާނޫނުއަސާސީގެ ރޫހާ ޚިލާފު ސުވާލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް އޭޖީ އޮފީހުގެ ބަޔާނުގައި ބަޔާންކޮށްފައިވަނީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަކި މާއްދާތަކެއް އިޞްލާޙުކުރާ ނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރަންވާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައި، އޭގެ އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ. އަދި މަޖިލީހުގެ އުމުރާ ގުޅޭ 79 ވަނަ މާއްދާއަކީ މިގޮތަށް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ މާއްދާއެއްކަންވެސް އެ އޮފީހުން ފާހަގަކުރިއެވެ.
އޭޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، ދުސްތޫރީ ނިޒާމު ބައްޓަންކޮށްފައިވާ ގޮތުން ޤާނޫނުއަސާސީއަށް ގެންނަ ބައެއް އިޞްލާޙުތަކަކީ ރައްޔިތުންގެ ބަހެއް ނެތި ތަސްދީޤުކޮށް ޢަމަލުކުރަން ފެށޭނެ އިޞްލާޙުތަކެއް ނޫން ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްދާ އިޖުރާއަތްތަކަކީ ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން ކުރިއަށްދާ ކަންކަން ކަމަށް އެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.


