Wednesday, 28 October 2026

މަޖިލިސް ރައީސާއި އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،125 ރުފިޔާއަށް ބޮޑުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ މުސާރައާއި އިނާޔަތްތައް ބޮޑުކޮށް، މަހަކު ލިބޭ ޖުމްލަ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

މި ބަދަލާއެކު، އުއްތަމަ ފަނޑިޔާރަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި 4،125 ރުފިޔާ ހަމަޖެހިގެންދާނެއެވެ. މިއީ މީގެ ކުރިން އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގެންނެވި 91،000 ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.

މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވެވަޑައިގަންނަވާ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އެއީ ދައުލަތުގެ ބާރުތަކުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ މުސާރައާ އުއްތަމަ ފަނޑިޔާރުގެ މުސާރަ އެއްހަމަކުރުމުގެ ބޭނުމުގައެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސައި، އެމަނިކުފާނުގެ މުސާރައާއި އެލަވަންސްގެ ޖުމްލަވެސް ވަނީ 95،125 ރުފިޔާއަށް ބޮޑުކޮށްފައެވެ. މި ބަދަލު ވެސް ހުށަހެޅުއްވީ މެންބަރު މަމްދޫހެވެ. އެއީ މަޖިލީހުގެ ރައީސަށް ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގެންނެވޭތީ ކޮމިޓީ އެލެވަންސް ނުލިބުމުގެ ސަބަބުން މަޖިލީހުގެ ނައިބު ރައީސްއާއި މަޖިލީހުގެ މެންބަރުންނަށް ޖުމުލަ ލިބޭ މުސާރައަށްވުރެ ކުޑަ އަދަދެއް ލިބޭތީއެވެ. ކޮމިޓީ އެލަވަންސަކަށް 20،000 ރުފިޔާ ކޮންމެ މެންބަރަކަށް މަހަކު ލިބިވަޑައިގަންނަވައެވެ.

މި ބަދަލު މަޖިލީހުން މި ގެނައީ މި ބަދަލު ގެންނަން މާލިއްޔަތު ކޮމިޓީން ފާސްކުރި ހިސާބުން އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުކޮށްފައި ވަނިކޮށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *