Tuesday, 28 July 2026
ބަންޑާރަނައިބު މުހައްމަދު އުޝާމް / ފޮޓޯ: މިހާރު

އިންތިޚާބުތައް އެކުއެކީގައި ބޭއްވުމުގެ ފެންނަ ނުފެންނަ ވޯޓުގެ ޝަރުތުތައް ހަމަވާ ކަމަށް އޭޖީ އޮފީހުން ބުނެފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުން އަންނަ ދައުރުގެ އުމުރު ކުރުކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގައި ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ހަމަވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ. އޭޖީ އޮފީހުން މިހެން ބުނެފައިވަނީ މި ވޯޓާ ގުޅޭގޮތުން އާންމުންގެ މެދުގައި އޮޅުން އަރާފަދަ މައުލޫމާތު ފެތުރެމުންދާ ކަމަށް ފާހަގަކޮށް ނެރުނު ބަޔާނެއްގައެވެ.

އޭޖީ އޮފީހުން ބުނީ، ޤާނޫނުއަސާސީއަށް އަށްވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ ދެ މަޤުޞަދެއް ޙާޞިލުކުރުމަށްޓަކައި އެކުލަވައިލާފައިވާ ބިލެއް ކަމަށެވެ. އެގޮތުން ފުރަތަމަ މަޤުޞަދަކީ ރިޔާސީ އިންތިޚާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުން ކަމަށާއި، ދެވަނަ މަޤުޞަދަކީ އެކަމަށް މަގުފަހިކުރުމަށްޓަކައި މަޖިލީހުގެ ދައުރު ފެށޭ ތާރީޚަށް ބަދަލު ގެނެސް، މިހާރު ހިނގަމުންދާ މަޖިލީހުގެ ޢުމުރު ފަސް އަހަރަށް ވުރެ ކުރުކުރުން ކަމަށް އެ އޮފީހުން ތަފްސީލުކޮށްދީފައިވެއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތަފާތު ރައުޔެއް ފާޅުކުރައްވާފައެވެ. ސުއޫދު ވިދާޅުވީ ވޯޓުގައި ކުރަން ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނުއަސާސީއާ އެއްގޮތަށް ފަރުމާކޮށްފައިވާ ސައްހަ ސުވާލެއް ނޫން ކަމަށެވެ. "ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަ ނަމަ، އެ ކަމަށް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ،" ކަމަށް ވިދާޅުވެ، މިހާރު އޮތް ސުވާލަކީ ގާނޫނުއަސާސީގެ ރޫހާ ޚިލާފު ސުވާލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް އޭޖީ އޮފީހުގެ ބަޔާނުގައި ބަޔާންކޮށްފައިވަނީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަކި މާއްދާތަކެއް އިޞްލާޙުކުރާ ނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރަންވާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައި، އޭގެ އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ. އަދި މަޖިލީހުގެ އުމުރާ ގުޅޭ 79 ވަނަ މާއްދާއަކީ މިގޮތަށް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ މާއްދާއެއްކަންވެސް އެ އޮފީހުން ފާހަގަކުރިއެވެ.

އޭޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، ދުސްތޫރީ ނިޒާމު ބައްޓަންކޮށްފައިވާ ގޮތުން ޤާނޫނުއަސާސީއަށް ގެންނަ ބައެއް އިޞްލާޙުތަކަކީ ރައްޔިތުންގެ ބަހެއް ނެތި ތަސްދީޤުކޮށް ޢަމަލުކުރަން ފެށޭނެ އިޞްލާޙުތަކެއް ނޫން ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްދާ އިޖުރާއަތްތަކަކީ ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން ކުރިއަށްދާ ކަންކަން ކަމަށް އެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *