Tuesday, 28 July 2026

އެމްއޭސީއެލުން ޖެޓް ފިއުލް ވިއްކާ އަގު ބޮޑުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބަލަހައްޓާ އެހެން އެއާޕޯޓްތަކުގައި ޖެޓް ފިއުލް ވިއްކާ އަގު ބޮޑުކޮށްފި އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖެޓް ފިއުލްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މި ދަތިތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ޖެޓް ފިއުލް ފަދަ ރިފައިންޑް ފިއުލްގެ ސަޕްލައި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މީޑިއާތަކަށް ވިދާޅުވި ގޮތުގައި މީގެ ކުރިން 1.19 ޑޮލަރަށް ވިއްކަމުންދިޔަ ޖެޓް ފިއުލް ލިޓަރެއް މިހާރު ވިއްކަނީ 1.69 ޑޮލަރަށްށެވެ. މިއީ 50 ސެންޓުގެ އިތުރުވުމެކެވެ.

އެ އިތުރުވުމާއެކު 42 ޕަސެންޓުގެ އިތުރުވުމެއް އަންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވެފައިވާ ގޮތުގައި ތެލުގެ އަގަށް އެ ބަދަލު ގެންނަން ޖެހުނީ އީރާންގެ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ގޯސްވެ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މައްޗަށް ޖެހުމާ ގުޅިގެން މަޖުބޫރުވެގެންނެވެ.

އެމްއޭސީއެލްއަށް ޖެޓް ފިއުލް ސަޕްލައިކުރާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން އެންމެ ގިނައިން އެތެރެކުރަނީ އޮމާނުގެ ރިފައިންޑް ޕެޓްރޯލިއަމް އުފެއްދުންތަކެވެ. ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލާއި ރިފައިންޑް އުފެއްދުންތަކުގެ އަގު އުފުލެމުންދާއިރު، ރާއްޖެއަށް ދަނީ ސީދާ އަގުތައް އުފުލަމުންނެވެ.

އީރާން ހަނގުރާމައާ އެކު މިފަހުން ތެޔޮ އަގުބޮޑު ނުވާ މިންވަރަށް ތެލުގެ އަގު ބޮޑުވެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އަރައިފަ އެވެ. އޭގެ އިތުރުން ސާފުކޮށްފައި ހުންނަ ތެޔޮ، ޕެޓްރޯލާއި ޑީސަލްގެ އަގު ބާޒާރުގައި ވަނީ ފީފާއެއް 170 ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ.

ރާއްޖެެއަށް ގެނައުމަށް ހިނގާ ހަރަދުތަކާ އެކު ތެޔޮ ލީޓަރެއް އެތެރެކުރަން 19ރ. މިހާރު ހަރަދުވެއެވެ. އެހެންކަމުން، ތެލުގެ އަގު ރާއްޖޭގެ ބާޒާރުގައި ލީޓަރެއް 20ރ. އަށް ވުރެ މައްޗަށް ދިޔުން ގާތެވެ. 

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *