މި ކުންފުންޏަކީ ރާއްޖޭގެ މާލީ ދާއިރާ އާއި އިގްތިސާދު ކުރިއަރުވައި، ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި 1 ޖޫން 2025 ގައި އުފެއްދި ކުންފުންޏެކެވެ. ކުންފުނީގެ ނަން ބަދަލުކުރަން ނިންމެވީ، އެ ކުންފުނީގެ ނަމާއި މަގްސަދުތަކަށް ބަދަލުތަކެއް ގެނައުމަށް ކުންފުނީގެ ބޯޑުން ނިންމުމާ ގުޅިގެން ކަމަށް ސަރުކާރުން ހާމަކުރެ އެވެ.
ނަމަށް ގެނައި ބަދަލާއެކު، ކުންފުނީގެ އެންމެ މުހިންމު އެއް މަގްސަދަކީ ’ތިލަދުންމަތީ އުތުރުބުރީ އިހަވަންދިއްޕޮޅު' ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ވިލަރެސްކޮށް، އެ މަސައްކަތްތައް ހުއްޓުމެއް ނެތް ގޮތެއްގައި ތަންފީޒުކުރުމެވެ. މި މަޝްރޫއުގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ހާއްސަވެފައިވާ ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ދެން ހަރަކާތްތެރިވާނެ އެވެ.
ކުންފުނީގެ އާ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ އިތުރުން، ޒަމާނީ މާލީ ހިދުމަތްތައް ފުޅާކުރުން ހިމެނެ އެވެ. މީގެ ތެރޭގައި ޑިޖިޓަލް ފައިނޭންޝަލް ހިދުމަތްތަކާއި، ބޭންކިން، ރިއަލް އެސްޓޭޓް އަދި ފައިނޭންޝަލް ޓޫރިޒަމް ފަދަ ދާއިރާތައް ތަރައްގީކުރުން ހިމެނެ އެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ ފެންވަރުގެ މާލީ ހިދުމަތްތައް ފޯރުކޮށްދޭ މަރުކަޒަކަށް ހެދުމަކީ ވެސް މި ކުންފުނީގެ މައިގަނޑު އެއް އަމާޒެވެ.


