Tuesday, 28 July 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު - ރައީސް އޮފިިސް

ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަން 'މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ' އަށް ބަދަލުކޮށްފި

ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާވާ ކުންފުންޏެއް ކަމަށްވާ ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަން ’މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް ލިމިޓެޑް' ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަދަލުކުރައްވައިފި އެވެ. ރައީސް މި ބަދަލު ގެންނެވިކަން އިއުލާންކުރެއްވީ އިއްޔެ ޝާއިއުކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއްގަ އެވެ.

މި ކުންފުންޏަކީ ރާއްޖޭގެ މާލީ ދާއިރާ އާއި އިގްތިސާދު ކުރިއަރުވައި، ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި 1 ޖޫން 2025 ގައި އުފެއްދި ކުންފުންޏެކެވެ. ކުންފުނީގެ ނަން ބަދަލުކުރަން ނިންމެވީ، އެ ކުންފުނީގެ ނަމާއި މަގްސަދުތަކަށް ބަދަލުތަކެއް ގެނައުމަށް ކުންފުނީގެ ބޯޑުން ނިންމުމާ ގުޅިގެން ކަމަށް ސަރުކާރުން ހާމަކުރެ އެވެ.

ނަމަށް ގެނައި ބަދަލާއެކު، ކުންފުނީގެ އެންމެ މުހިންމު އެއް މަގްސަދަކީ ’ތިލަދުންމަތީ އުތުރުބުރީ އިހަވަންދިއްޕޮޅު' ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ވިލަރެސްކޮށް، އެ މަސައްކަތްތައް ހުއްޓުމެއް ނެތް ގޮތެއްގައި ތަންފީޒުކުރުމެވެ. މި މަޝްރޫއުގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ހާއްސަވެފައިވާ ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ދެން ހަރަކާތްތެރިވާނެ އެވެ.

ކުންފުނީގެ އާ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ އިތުރުން، ޒަމާނީ މާލީ ހިދުމަތްތައް ފުޅާކުރުން ހިމެނެ އެވެ. މީގެ ތެރޭގައި ޑިޖިޓަލް ފައިނޭންޝަލް ހިދުމަތްތަކާއި، ބޭންކިން، ރިއަލް އެސްޓޭޓް އަދި ފައިނޭންޝަލް ޓޫރިޒަމް ފަދަ ދާއިރާތައް ތަރައްގީކުރުން ހިމެނެ އެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ ފެންވަރުގެ މާލީ ހިދުމަތްތައް ފޯރުކޮށްދޭ މަރުކަޒަކަށް ހެދުމަކީ ވެސް މި ކުންފުނީގެ މައިގަނޑު އެއް އަމާޒެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *