މިރޭ ދަސްވެނިވި ހާފިޒުންގެ ތެރޭގައި ހިމެނެނީ 19 ފިރިހެން ބޭފުޅުންނާއި 12 އަންހެން ބޭފުޅުންނެވެ. މި ހާފިޒުންނަކީ މިދިޔަ އަހަރުގެ ރޯދަ މަހުން ފެށިގެން މި އަހަރުގެ ރޯދަ މަހުގެ ނިޔަލަށް ގުރުއާން ހިތުދަސްކޮށް، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ހިފްޒު އިމްތިހާނު ކޮމެޓީއަށް ކިޔައިދީ، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއީ ރާއްޖޭގައި އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހާފިޒުން އުފެދުނު އަހަރު ކަމަށެވެ. މީގެ އިތުރުން، ހާފިޒުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑަލް ހާސިލްކުރި ދަރިވަރުންނަށް ވެސް މިރޭ ވަނީ އެ މެޑަލް ހަވާލުކޮށްފަ އެވެ.
މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މިހާތަނަށް ސަނަދު ލިބިފައިވާ ހާފިޒުންގެ ޖުމްލަ އަދަދު މިހާރު ވަނީ 301 އަށް އަރާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 162 ފިރިހެން ހާފިޒުންނާއި 139 އަންހެން ހާފިޒުންނެވެ. މިއީ ރާއްޖޭގައި ދީނީ އިލްމާއި ގުރުއާން އުނގަންނައިދިނުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ގުރުއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން އިތުރުވަމުންދާކަން ފާހަގަކުރައްވައި ޝަހީމް އިތުރަށް ވިދާޅުވީ، ގުރުއާނާ ބެހޭ މަރުކަޒާއި އެކި އިންސްޓިޓިއުޓްތައް މެދުވެރިކޮށް 1،800 އެއްހާ ދަރިވަރުން މިހާރު ވެސް ގުރުއާން ހިތުދަސްކުރަމުންދާ ކަމަށެވެ. މިއީ ކުރިމަގުގައި ރާއްޖޭގައި ހާފިޒުންގެ އަދަދު އިތުރުވެގެންދާނެ ކަމުގެ އުންމީދީ ނިޝާނެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


