Tuesday, 28 July 2026
ކީރިތި ގުރުއާން ހިތުދަސްކޮށް، ހާފިޒު ކަމުގެ ސަނަދު ހާސިލްކުރި 31 ދަރިވަރަކަށް ރައީސް ވަނީ މެޑަލް ދެއްވާފަ -- ފޮޓޯ: ރައީސް އޮފީސް

31 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާ ހަނދާނީ ލިޔުމާއި މެޑަލް ދެއްވައިފި

ކީރިތި ގުރުއާން ހިތުދަސްކޮށް، ހާފިޒު ކަމުގެ ސަނަދު ހާސިލްކުރި 31 ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ހަނދާނީ ލިޔުމާއި މެޑަލް ދެއްވައިފި އެވެ. އިސްލާމީ މަރުކަޒުގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ހާފިޒުން ދަސްވެނިވި ރަސްމިއްޔާތެވެ.

މިރޭ ދަސްވެނިވި ހާފިޒުންގެ ތެރޭގައި ހިމެނެނީ 19 ފިރިހެން ބޭފުޅުންނާއި 12 އަންހެން ބޭފުޅުންނެވެ. މި ހާފިޒުންނަކީ މިދިޔަ އަހަރުގެ ރޯދަ މަހުން ފެށިގެން މި އަހަރުގެ ރޯދަ މަހުގެ ނިޔަލަށް ގުރުއާން ހިތުދަސްކޮށް، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ހިފްޒު އިމްތިހާނު ކޮމެޓީއަށް ކިޔައިދީ، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއީ ރާއްޖޭގައި އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހާފިޒުން އުފެދުނު އަހަރު ކަމަށެވެ. މީގެ އިތުރުން، ހާފިޒުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑަލް ހާސިލްކުރި ދަރިވަރުންނަށް ވެސް މިރޭ ވަނީ އެ މެޑަލް ހަވާލުކޮށްފަ އެވެ.

މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މިހާތަނަށް ސަނަދު ލިބިފައިވާ ހާފިޒުންގެ ޖުމްލަ އަދަދު މިހާރު ވަނީ 301 އަށް އަރާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 162 ފިރިހެން ހާފިޒުންނާއި 139 އަންހެން ހާފިޒުންނެވެ. މިއީ ރާއްޖޭގައި ދީނީ އިލްމާއި ގުރުއާން އުނގަންނައިދިނުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ގުރުއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން އިތުރުވަމުންދާކަން ފާހަގަކުރައްވައި ޝަހީމް އިތުރަށް ވިދާޅުވީ، ގުރުއާނާ ބެހޭ މަރުކަޒާއި އެކި އިންސްޓިޓިއުޓްތައް މެދުވެރިކޮށް 1،800 އެއްހާ ދަރިވަރުން މިހާރު ވެސް ގުރުއާން ހިތުދަސްކުރަމުންދާ ކަމަށެވެ. މިއީ ކުރިމަގުގައި ރާއްޖޭގައި ހާފިޒުންގެ އަދަދު އިތުރުވެގެންދާނެ ކަމުގެ އުންމީދީ ނިޝާނެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *