Tuesday, 28 July 2026
ފޮޓޯ: އާރްއެންޒެޑް

ރަޝިޔާގެ ވަރުގަދަ ހަމަލާތަކަކާއެކު ޔޫކްރެއިންގެ މިލިއަނަކަށްވުރެ ގިނަ މީހުން ކަރަންޓުގެ ހިދުމަތުން މަހްރޫމްވެއްޖެ

ރަޝިޔާއިން ޔޫކްރެއިންގެ ހަކަތަ އުފައްދާ ނިޒާމަށް އަމާޒުކޮށް ރޭގަނޑާއި ހޮނިހިރު ދުވަހުގެ ހެނދުނު ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގެ ސަބަބުން، މުޅި ގައުމުން 1.2 މިލިއަން ތަންތަނުން ކަރަންޓު ކެނޑިއްޖެއެވެ. ފިނިމޫސުމުގެ ގަދަ ފިނީގައި ދިން މި ހަމަލާތަކުގެ ސަބަބުން ވެރިރަށް ކީވްގެ ގިނަ ސަރަހައްދުތަކަކުން ވަނީ ހޫނުކުރާ ނިޒާމުތައް ވެސް މެދުކެނޑިފައެވެ.

ޔޫކްރެއިންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އޮލެކްސީ ކުލެބާ ވިދާޅުވި ގޮތުގައި، ކީވްގެ 3,200 އަށްވުރެ ގިނަ އިމާރާތުން އަދިވެސް ވަނީ ހޫނުކުރާ ނިޒާމުގެ ހިދުމަތް މެދުކެނޑިފައެވެ. ރޭގަނޑުގެ ވަގުތުތަކުގައި ފިނިހޫނުމިން މައިނަސް 10 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ހިދުމަތްތައް އިއާދަކުރުމަށް 160 އަށްވުރެ ގިނަ އިމަޖެންސީ ކްރޫން ދަނީ މަސައްކަތް ކުރަމުންނެވެ.

އެނާޖީ މިނިސްޓަރު ދެނިސް ޝްމީހަލް ވިދާޅުވި ގޮތުގައި، ކީވްގެ 800,000 ގޭބިސީއަކުންނާއި ޗެރްނީހިވް ސަރަހައްދުގެ 400,000 ގޭބިސީއަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ރަޝިޔާގެ މެދުނުކެނޑި ދެމުންދާ ހަމަލާތަކުގެ ސަބަބުން ހަކަތައިގެ ނިޒާމު އެއްވަރެއްގައި ހިފެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކީވްގެ މޭޔަރު ވިޓާލީ ކްލިޗްކޯ ވިދާޅުވި ގޮތުގައި މި ހަމަލާތަކުގައި ކީވްއިން އެކަކު މަރުވެ ހަތަރު މީހަކު ވަނީ ޒަހަމްވެފައެވެ. އަދި ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހަރްކީވްއިން 30 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި 24 ގަޑިއިރު ހިދުމަތްދޭ ހޫނުކުރެވިފައިވާ ހާއްސަ މަރުކަޒުތައް މިހާރު ވަނީ ގާއިމުކޮށްފައެވެ.

ޔޫކްރެއިންގެ އެއަރ ފޯސްއިން ހާމަކުރި ގޮތުގައި ރަޝިޔާއިން ވަނީ 375 ޑްރޯންއާއި 21 މިސައިލް މި ހަމަލާގައި ބޭނުންކޮށްފައެވެ. މީގެ ތެރޭގައި ވަރަށް މަދުން ނޫނީ ބޭނުންނުކުރާ 'ސިރްކޯން' ބެލިސްޓިކް މިސައިލް ވެސް ހިމެނެއެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާ މެދުވެރިވެގެން ޔޫއޭއީގައި ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު މަޝްވަރާތައް ކުރިއަށްދަނިކޮށެވެ.

2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރަޝިޔާއިން ދަނީ ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. ނަމަވެސް، މިއީ މި ފިނިމޫސުމުގައި ދިން އެންމެ ވަރުގަދަ އެއް ހަމަލާ ކަމަށް މަސްއޫލުވެރިން ވިދާޅުވެއެވެ. ޔޫކްރެއިންގެ ސަރުކާރުން މިހާރު ދަނީ ބޭރު ގައުމުތަކުން ހަކަތަ އިމްޕޯޓްކޮށް، ގެއްލުންވި ތަންތަން މަރާމާތު ކުރުމުގެ އަވަސް މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *