ސްޕެއިންގެ ދެކުނުގައި ބާރު މިނުގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 21 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. މިއީ ފާއިތުވި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެ ގައުމުގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓެވެ.
މި ހާދިސާ ހިނގާފައިވަނީ ކޯޑޯބާ ސިޓީ ކައިރީގައި އޮންނަ އަޑަމޫޒް ސަރަހައްދުގައެވެ. މެޑްރިޑަށް ދަތުރުކުރި ރޭލެއް ދަގަނޑުން ކަސިޔާރުވެ، އިދިކޮޅުން އައި ރޭލެއްގައި ޖެހުނު މި ހާދިސާގައި ދެ ރޭލުގައި ޖުމްލަ 400 އެއްހާ ފަސިންޖަރުންނާއި މުވައްޒަފުން ތިބި ކަމަށް ރޭލު ނެޓްވޯކުން މައުލޫމާތު ދެއެވެ. އަންޑަލޫސިއާގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއިން ބުނި ގޮތުގައި 24 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭގެ ތެރޭގައި ހަތަރު ކުޑަކުދިންވެސް ހިމެނެއެވެ.
ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މި ހާދިސާ ސިފަކުރެއްވީ ވަރަށް "އާދަޔާ ހިލާފު" ކަމެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ ރޭލު ދަގަނޑުން ކަސިޔާރުވީ ސީދާ މަގަކުން ދަތުރުކުރަނިކޮށް ކަމަށާއި، މިކަމާ މެދު ތަޖުރިބާކާރުންވެސް ތިބީ ހައިރާންވެފައި ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް މިހާރު ވަނީ ރަސްމީ ތަހުގީގެއް ފަށާފައެވެ.
ރޭލުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ރެސްކިއު ޓީމުތަކުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޯޑޯބާގެ ފަޔާ ޗީފް ފްރެންސިސްކޯ ކާމޯނާ ވިދާޅުވީ، ރޭލުތަކަށް ލިބިފައިވާ ބޮޑު ގެއްލުމުގެ ސަބަބުން ދިރިތިބި މީހުންނާ ހަމައަށް ވާސިލްވުމަށްޓަކައި މަރުވެފައިވާ މީހުންގެ ހަށިތައް ނަގަން ޖެހިފައިވާ ކަމަށެވެ. މިއީ ވަރަށް އުނދަގޫ އަދި ހިތާމަވެރި މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ހާދިސާގައި ބައިވެރިވި އެއް ރޭލަކީ ގަޑިއަކު 400 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރެވޭ ފްރެޗިއާ 1000 މޮޑެލްގެ ރޭލެކެވެ. އެކްސިޑެންޓް ހިނގި ވަގުތު ރޭލުގައި ހުރި ނޫސްވެރިއަކު ބުނި ގޮތުގައި، ރޭލު ޖެހުނު ވަގުތު އިހުސާސް ކުރެވުނީ ބާރުގަދަ ބިންހެލުމެއް އައި ފަދަ ގޮތަކަށެވެ. ކަމާބެހޭ ފަރާތްތަކުން އިންޒާރު ދީފައިވަނީ އަދިވެސް މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.


