އެމެރިކާގެ ސިފައިން ވެނެޒުއޭލާއަށް ބޮން އަޅައި އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކުރުމާ ގުޅިގެން، އެ ގައުމުގައި ސިޔާސީ އިންތިގާލީ މަރުހަލާއެއް ގާއިމުކުރެވެންދެން ވެނެޒުއޭލާ ހިންގާނީ ވޮޝިންޓަނުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ރައްކާތެރި އަދި އެކަށީގެންވާ އިންތިޚާބެއް ބޭއްވެންދެން އެމެރިކާއިން އެ ގައުމު ހިންގާނެ ކަމަށެވެ. "އަޅުގަނޑުމެން ބޭނުމެއް ނުވޭ އެހެން މީހަކު އައިސް ވަދެ، ވޭތުވެދިޔަ ގިނަ އަހަރުތަކެއްގައި އޮތް ފަދަ ހާލަތަކަށް އަލުން ދާކަށް،" ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްއަށް ހަމަލާދީ، މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މަޑޫރޯ ގޮވައިގެން ދިޔަ ބޯޓު މިހާރު ވަނީ ނިއުޔޯކް ސްޓޭޓަށް ޖައްސާފައެވެ. އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ނިއުޔޯކް ސިޓީއާ ގާތްގަނޑަކަށް 97 ކިލޯމީޓަރު ދުރުގައި އޮންނަ ސްޓެވާޓް އިންޓަނޭޝަނަލް އެއާޕޯޓުން މަޑޫރޯ ބޭލި މަންޒަރު ވަނީ ފެނިފައެވެ.
މަޑޫރޯ ހައްޔަރުކޮށްފައި މިވަނީ އެމެރިކާއިން އޭނާގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންދާތާ މަސްތަކެއް ވެފައިވަނިކޮށެވެ. މީގެ ކުރިން އެމެރިކާއިން ވަނީ ވެނެޒުއޭލާގެ ތެޔޮ ޓޭންކަރުތައް ހިފަހައްޓައި، މަސްތުވާތަކެތި އުފުލާ ކަމަށް ތުހުމަތުކުރެވޭ ބޯޓުތަކަށް ހަމަލާދީފައެވެ. ވޮޝިންޓަނުން ތުހުމަތުކުރާ ގޮތުގައި 2013 އިން ފެށިގެން ވެރިކަމުގައި ހުންނެވި މަޑޫރޯއާ މަސްތުވާތަކެތީގެ ކާޓެލްތަކާ ގުޅުން އޮވެއެވެ. ނަމަވެސް މަޑޫރޯ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، އެމެރިކާއިން މަސައްކަތް ކުރަނީ ވެނެޒުއޭލާގެ ތެޔޮ ރިޒާވްގެ ކޮންޓްރޯލް ހޯދުމަށް ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، އެމެރިކާގެ ބޮޑެތި ތެޔޮ ކުންފުނިތައް ވެނެޒުއޭލާއަށް ވަދެ، އެ ގައުމުގެ ހަލާކުވެފައިވާ ތެޔޮ އިންފްރާސްޓްރަކްޗާ މަރާމާތުކޮށް، ގައުމަށް އާމްދަނީ ހޯދައިދޭން ފަށާނެ ކަމަށެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ވެނެޒުއޭލާގެ ރައްޔިތުންނަކީ މުއްސަނދި، މިނިވަން އަދި ރައްކާތެރި ބަޔަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


