Tuesday, 28 July 2026
MH370 އިން ދަތުރުކުރި ޗައިނާ އާއި މެލޭޝިޔާގެ ފަސިންޖަރުންގެ އާއިލާތައް

MH370 ބޯޓު ހޯދުމުގެ މަސައްކަތް އިންޑިއާ ކަނޑުގައި އަލުން ފަށައިފި

މެލޭޝިއާ އެއާލައިންސްގެ ފްލައިޓް (MH370) 239 މީހުންނާއެކު އިންޑިއާ ކަނޑުގެ މައްޗަށް ގެއްލުނުތާ ގާތްގަނޑަކަށް 12 އަހަރު ފަހުން ހޯދުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

އެ ބޯޓުގެ ބައިތައް ހޯދުމުގެ މަސައްކަތް އަންގާރަ ދުވަހު އިންޑިއާ ކަނޑުގައި އަލުން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިކަމުގައި ބޭނުންކުރަނީ ކަނޑުގެ ފުން ސަރަހައްދުތަކުގައި އަމިއްލައަށް ދަތުރުކުރާ އެންމެ ފަހުގެ ޑްރޯން ޓެކްނޮލޮޖީއެވެ.

MH370 ބޯޓު މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރީ 2014 މާރިޗު 8 ވަނަ ދުވަހުގެ މެންދަމުން އަލިވެ ކުޑަވަގުތުކޮޅެއް ފަހުންނެވެ. އެއީ ޗައިނާގެ ބެއިޖިންއަށް ދާން އޮތް ހަ ގަޑިއިރުގެ ދަތުރެކެވެ. ނަމަވެސް، ފުރިތާ ގާތްގަނޑަކަށް 40 މިނެޓު ފަހުން ބޯޓުގެ ޓްރާންސްޕޮންޑަރު ނިވުމުގެ ސަބަބުން ސިވިލް އެއާ ޓްރެފިކް ކޮންޓްރޯލުން ބޯޓު ގެއްލުނު ނަމަވެސް، އަސްކަރީ ރޭޑާރުތަކުން ދެއްކި ގޮތުގައި ބޯޓު ވަނީ ކުއްލިއަކަށް ހުޅަނގަށް އަނބުރާލައި އިންޑިއާ ކަނޑުގެ ތެރެއަށް ވަދެފައެވެ.

ބޯޓު ހޯދުމަށް އެންމެ ފުރަތަމަ ކުރި މަސައްކަތުގައި އޮސްޓްރޭލިއާގެ ހުޅަނގު އައްސޭރިން ފެށިގެން 46,000 އަކަ މޭލަށްވުރެ ބޮޑު ސަރަހައްދެއް ބެލިއެވެ. ނަމަވެސް، ކަނޑުގެ އޮއިވަރާއި ވަޔަށް އަންނަ ބަދަލުތަކުގެ ތާރީޚީ މައުލޫމާތު ބޭނުންކޮށްގެން ހެދި ދިރާސާތަކަށް ފަހު، މިހާރު ވަނީ ބޯޓު ފެނުމުގެ ފުރުސަތު އެންމެ ބޮޑު ސަރަހައްދު 5,800 އަކަ މޭލަށް ހަނިކޮށްފައެވެ.

ބްރިޓިޝް-އެމެރިކަން ކުންފުންޏެއް ކަމަށްވާ "އޯޝަން އިންފިނިޓީ" އިން މި ހޯދުންތައް ކުރިއަށްގެންދާއިރު، ބޭނުންކުރާ ޑްރޯންތަކަކީ ގާތްގަނޑަކަށް 20,000 ފޫޓު އަޑިއަށް ފީނުމުގެ ގާބިލުކަން ހުރި ތަކެއްޗެވެ. މި ޑްރޯންތަކުގައި ހުންނަ "ސައިޑް-ސްކޭން ސޯނާ" އާއި އަލްޓްރާސައުންޑް އިމޭޖިން ބޭނުންކޮށްގެން ކަނޑުގެ އަޑީގެ ތަފްސީލީ 3D ފޮޓޯތައް ނެގުމުގެ އިތުރުން، ކަސީރުތަކުގެ އަޑީގައި ހުރި ތަކެތި ވެސް ދެނެގަނެވޭނެއެވެ.

މިއަދާ ހަމައަށް، MH370 ގެ ބައިތައް ކަމަށް ބެލެވޭ 30 އަށްވުރެ މަދު އެތިކޮޅުތަކެއް އިންޑިއާ ކަނޑުގެ އެކި އައްސޭރިތަކަށް ލައްގާފައިވެއެވެ. އެންމެ ފުރަތަމަ އެތިކޮޅު ފެނުނީ 2015 ވަނަ އަހަރު، ފަރަންސޭސި ރަށެއް ކަމަށްވާ ލާ ރީޔޫނިއަން އިންނެވެ. އެއީ ބޯޓުގެ "ފްލެޕަރޮން" އެކެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ ނިޔަލަށް މަޑަގަސްކަރައިގެ އިތުރުން މޮޒަމްބީކް ސަރަހައްދުން ވެސް ބޯޓުގެ ބައެއް ބައިތައް ވަނީ ފެނިފައެވެ.

ޝައްކުކުރެވޭ އެއްޗެއް ފެނިއްޖެނަމަ، އެ އެއްޗެއް ކައިރިން ބެލުމަށްޓަކައި ރިމޯޓުން ކޮންޓްރޯލްކުރާ އުޅަނދެއް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *