Tuesday, 28 July 2026
ޣައްޒާގެ މެދުތެރޭގައި އޮންނަ ޑެއިރް އެލް ބާލާގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ދިރިއުޅޭ ވަގުތީ ކޭމްޕެއް -- ފޮޓޯ: އޭއެފްޕީ

ފިނި މޫސުމުގެ ސަބަބުން ޣައްޒާގެ ހާލަތު އިތުރަށް ދަށަށް، އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ދަނީ ހުރަސް އަޅަމުން: އ.ދ.

މިހާރު ކުރިމަތިވެފައިވާ ފިނި މޫސުމުގެ ތޫފާންތަކާ ގުޅިގެން ޣައްޒާގައި ހާލަތު އިތުރަށް ގޯސްވެފައިވާއިރު، ހާލުގައި ޖެހިފައިވާ އެތައް ލައްކަ ފަލަސްތީނުގެ ރައްޔިތުންނަށް އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސް އަޅަމުންދާ ކަމަށް އެހީދޭ އެޖެންސީތަކުން ވަނީ ބުނެފައެވެ. އެހީގެ ސާމާނު ނުލިބުމުގެ ސަބަބުން ޣައްޒާގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.

އެގޮތުން ދުނިޔޭގެ އެހީ ފޯރުކޮށްދޭ މައި ޖަމިއްޔާ ކަމަށްވާ އ.ދ. އިން ބުނެފައިވަނީ ފޭލިގެ، ބްލެންކެޓް އަދި އެހެނިހެން މުހިންމު ސާމާނު ޣައްޒާއަށް ވައްދަން ތައްޔާރަށް ހުރި ނަމަވެސް، އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ބޯޑަރު ހުރަސްތަކުން އެ ސާމާނު ވައްދަން ދެމުން އައި ހުއްދަތައް ހަނިކޮށްފައިވާ ކަމަށެވެ. ޣައްޒާ ސިޓީގެ ޝާތީ ރެފިއުޖީ ކޭމްޕުގައި ހަނގުރާމައިގައި ހަލާކުވެފައިވާ އާއިލާއެއްގެ ގެއެއްގެ ފުރާޅު ތޫފާނުގައި ވެއްޓި، ކުޑަ ދެކުދިން ހިމެނޭހެން ހަ ފަލަސްތީނުގެ ރައްޔިތުން ތާށިވެފައި ވަނިކޮށް ސަލާމަތްކޮށްފައިވާކަމަށް ސަލާމަތީ މަސައްކަތްތެރިން ބުދަ ދުވަހު ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ، ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ދެ ހަފްތާގެ ތުއްތު ކުއްޖަކު ފިނިވެގެން މަރުވެފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ. އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްގެ ތަރުޖަމާނު ވިދާޅުވީ، ތޫފާންތަކުގެ ސަބަބުން ޣައްޒާގެ އެކި ހިސާބުތަކުގައި ހުރި ހިޔާވަހިކަމާއި އަމިއްލަ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ.

"މި ހާލަތުގެ ސަބަބުން ޣައްޒާގެ ގާތްގަނޑަކަށް 30،000 ކުދިންނަށް އަސަރުކޮށްފައިވޭ. މި ހަރަކާތްތައް އަވަހަށް ފެށޭނެ ގޮތް ހެދުމަށްޓަކައި އަވަސް މަރާމާތުތަކެއް ބޭނުންވޭ،" ފަރްހާން ހައްޤު ވިދާޅުވިއެވެ. މީގެއިތުރުން  ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިވިލް ޑިފެންސް އިން ބަޔާނެއްގައި ބުނެފައިވަނީ، މިހާރު ޣައްޒާގައި ކުރިމަތިވެފައި ވަނީ ހަގީގީ އިންސާނީ ކާރިސާއެއް ކަމަށެވެ.

އިންސާނީ ހާލަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި، ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާނީ ވަނީ ވޮޝިންޓަން ޑީ.ސީ. ގައި އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯއާ ބައްދަލުކުރައްވައި، ޣައްޒާގައި ހަމަލާ ހުއްޓާލުމުގެ ވަގުތީ ހާލަތު ދެމެހެއްޓުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. ގަތަރުގެ އޮފިޝަލުންގެ ބަސްތަކަށް ބަލާއިރު، މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ދީފައިވަނީ ގަތަރުގެ މެދުވެރި ދައުރާއި، ޣައްޒާއަށް އެހީގެ ސާމާނު އަވަހަށް ވައްދަން ޖެހޭ ކަމަށާއި، އަދި އިޒްރޭލުގެ ނަސްލު ނައްތާލުމުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ތާއީދުކުރާ ރޭވުމުގެ ދެވަނަ މަރުހަލާއާ ދިމާލަށް މަޝްވަރާތައް ގެންދިއުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *