Tuesday, 28 July 2026
ޒިންހުއާ

ހަނގުރާމަ ހުއްޓާލުމަށް ފަހުވެސް ޣައްޒާގައި ބަނޑުހައިހޫނުކަން ޖެހިފައިވާ އެތައް ކުޑަކުދިންނަށް ދަނީ ފަރުވާދެމުން: އދ. 

ޣައްޒާއަށް އިންސާނީ އެހީގެ މިންވަރު އިތުރުކުރުމަށް އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް ފަހު ވެސް، ހާލަތު ސީރިއަސް ކަމަށާއި، ބަނޑުހައިހޫނުކަން ޖެހިފައިވާއެތައް ހާސް ކުޑަކުދިންނަށް ފަރުވާ ދީފައިވާ ކަމަށް އ.ދ. ގެ ކުޑަކުދިންގެ އެޖެންސީ، ޔުނިސެފް އިން ބުނެފިއެވެ. އ.ދ އިން ވަނީ މިކަމުން ދައްކުވައިދެނީ އެހީ ބޭނުންވާވަރަށް ވާސިލްނުވާކަން ކަމަށް ބުނެފައެވެ.

ޣައްޒާގައި ބަނޑުހައިހޫނުކަމަށް ފަރުވާދޭ އެންމެ ބޮޑު ޖަމިއްޔާ ކަމ،ަށްވާ ޔުނިސެފް އިން ބުނީ، ދެ އަހަރަށް ދިގުދެމިގެންދިޔަ އިޒްރޭލާއި ހަމާސްގެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ފެށުނު އޮކްޓޯބަރު މަހު، 9،300 ކުދިންނަށް ސީރިއަސް ބަނޑުހައިހޫނުކަމަށް ފަރުވާ ދީފައިވާ ކަމަށެވެ. މިއަދަދު އޮގަސްޓް މަހު 14،000 އަށް ވުރެ މަތީގައި ހުރި ނަމަވެސް، ފެބްރުއަރީ-މާރޗް މަހު ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ ދުވަސްވަރާ އަޅާބަލާއިރު މިއީ ވަރަށް ބޮޑު އަދަދެއް ކަމަށް ޔުނިސެފްގެ ތަރުޖަމާނު ޓެސް އިންގްރަމް ވިދާޅުވިއެވެ.

ޣައްޒާއިން ވީޑިއޯ ލިންކެއް މެދުވެރިކޮށް ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންގްރަމް ވިދާޅުވީ، މިއީ އަދިވެސް ހައިރާންވާފަދަ ބޮޑު އަދަދެއް ކަމަށެވެ.

"ފެބްރުއަރީ މަހާ އަޅާބަލާއިރު ފަރުވާ ދިން ކުދިންގެ އަދަދު ފަސް ގުނަ އިތުރު ވެފައިވޭ. އެހެންކަމުން އަޅުގަނޑުމެން މި އަދަދު އިތުރަށް ދަށްވާން ބޭނުންވޭ." ޓެސް އިންގްރަމް ވިދާޅުވިއެވެ. އެގޮތުން އޭނާ ވަނީ ހޮސްޕިޓަލްތަކުގައި 1 ކިލޯގްރާމަށް ވުރެ ދަށް ބަރުދަނުގައި އުފަންވެފައިވާ ކުދިންނާ ބައްދަލުކުރި ކަމަށާއި، "އެ ކުދިންގެ ކުޑަ މޭތައް ދިރިހުރުމަށްޓަކައި ހިތްވަރާއެކު ނޭވާލަމުންދާ" މަންޒަރު ފެނުނު ކަމަށް ވެސް ވިދާޅުވެފައެވެ.

އޮކްޓޯބަރު 10 ގެ އެއްބަސްވުމުގެ ކުރިއަށް ވުރެ މިހާރު ޔުނިސެފަށް ޣައްޒާއަށް އެހީގެ މުދާ އެތެރެކުރެވޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ނަމަވެސް، ހުރަސްތައް އަދިވެސް އެބަހުރި ކަމަށް އިންގްރަމް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވީ، ބޯޑަރު ހުރަސްކުރާ ތަންތަނުން މުދާ އެތެރެކުރުމުގައި ލަސްވުންތަކާއި ހުއްދަ ނުދިނުން، މަގުތައް ބަންދުކުރުން އަދި ސަލާމަތީ ގޮތުން ދިމާވާ ދަތިތަކުގެ ސަބަބުން އެހީ ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންނަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ފެނިފައިވޭ، ނަމަވެސް ޣައްޒާގެ ތެރެއަށް ވަދެވޭ ހުރިހާ ބޯޑަރުތައް ހުޅުވުމަށް އަޅުގަނޑުމެން އަދިވެސް ގޮވާލަމުން މިދަނީ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޣައްޒާއަށް އެތެރެވާ ވިޔަފާރީގެ މުދަލުގެ މިންވަރު ފުދޭވަރަކަށް ނެތް ކަމަށާއި، އެގޮތުން ކިލޯއެއްގެ މަހުގެ އަގު 20 ޑޮލަރަށްވުރެ މަތީގައި ހުރުމުން ގިނަ އާޢިލާތަކަށް އެއަށް ވާސިލްނުވާ ކަމަށެވެ. "ގިނަ އާއިލާތަކަށް މިކަން ކުރެވޭކަށް ނެތް، އެހެންވެ އަޅުގަނޑުމެންނަށް އަދިވެސް ބަނޑުހައިހޫނުކަމުގެ ރޭޓު މަތީގައި ހުރިކަން ފެންނަނީ،" އޭނާ ވިދާޅުވިއެވެ.

އޮގަސްޓް މަހު އ.ދ. ގެ އެހީގައި ހިންގި ބަނޑުހައިހޫނުކަން މޮނިޓަރކުރާ ފަރާތަކުން ނިންމާފައިވާ ގޮތުގައި ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް ފަސް ލައްކަ މީހުންނަށް ބަނޑުހައިހޫނުކަމުގެ ހާލަތު ދިމާވެފައިވެއެވެ. ހަނގުރާމަ ކުރިއަށް ދިޔަ ވަރަކަށް ކުޑަކުދިންނަށް ބަނޑުހައިހޫނުކަމުގެ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށާއި، މިކަމުގެ ސަބަބުން ދާއިމީ ގެއްލުންތަކެއް ލިބިދާނެ ކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރު ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *