Tuesday, 28 July 2026

ދުންފަތުގެ އިސްތިއުމާލުކުރުމަކީ، އަމިއްލަ ނަފުސަށާއި މުޖުތަމައަށް ދެވޭ ބޮޑު އަނިޔާއެއް: ހުކުރު ހުތުބާ

މިއަދުގެ ހުކުރު ހުތުބާގައި އަލި އަޅުވާލާފައި ވަނީ "ދުންފަތުން އިސްތިއުމާލުކުރުމުގެ ގެއްލުން" މި މައުޟޫއަށެވެ. އެގޮތުން ހުތުބާގައި ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުމަކީ، ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމައުގެ ހައްގުގައި ކުރެވޭ ބޮޑު އަނިޔާއެއް ކަމަށެވެ. މާތް ﷲ މި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗެއް އުފައްދަވައި، ފުޅާ ދާއިރާއެއްގައި އެ ތަކެތީގެ ބޭނުންހިފުން އިންސާނުންނަށް ހުއްދަކުރެއްވި ކަމަށާއި، ޙަރާމްކުރައްވައިފައިވަނީ، ނިސްބަތުން ވަރަށް މަދު އެއްޗެއް ކަމަށާއި އެއީ އެ ތަކެތީން ލިބިދާނޭ ބޮޑު ގެއްލުމަށްޓަކައި ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ދުންފަތަކީ، ވަރަށް ގިނަ ގޮތްގޮތުން ގެއްލުން ހުރި އެއްޗެއްކަން، ކަމާ ގުޅޭ ގޮތުން ކުރެވިފައިވާ އެންމެހައި ދިރާސާތަކުން ސާބިތުވެފައިވާ ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ. އެހެނަސް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން، އެކަމާ މެދު މާބޮޑު ފަރުވާލެއް ނުބަހައްޓައި، އެ ކަން ކުރާ ކަމަށް ވިދާޅުވިއެވެ. ހުތުބާގައި އިޝާރާތްކުރެއްވި ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރުމަކީ، ތިމާމެންގެ އަމިއްލަ އަތްތަކުން ތިމާމެންގެ އަމިއްލަ ހަށިތައް ހަލާކުގެތެރެއަށް ވައްޓައިލާ، ބުރަ މަސައްކަތުން، ހޯދާ ފައިސާ، ބޭކާރު ގޮތުގައި ހޭދަކޮށް، އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ ކަމެކެވެ. އަމިއްލަ ބޭނުންތަކަށާއި، އަނބިދަރީންނަށާއި ގާތްތިމާގެ މީހުންނަށް އެ ފައިސާ ހޭދަކުރުމުގެ ބަދަލުގައި، އެއްވެސް ފިކުރެއް ނެތި، އަމިއްލަ އަތުން އަލިފާންޖަހައި، އަންދައިލުމަކީ ބުއްދި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، ފުއްޕާމެއަށް ކެންސަރުޖެހުމަށް ދިމާވާ އެންމެ ބޮޑު ސަބަބު ކަމަށް ހުތުބާގައި ވަނީ ބަޔާންކުރައްވާފައެވެ. މީގެ އިތުރަށް، އެކަމަކީ ހިތާ ގުޅިފައިވާ ލޭނާރުތަކުގައި ސަރުބީ ޖަހައި، ލޭހިނގުމަށް ދަތިވެ ހޮޅިތައް ބެދުމަށް މެދުވެރިވާ ކަމެއް ކަމަށާއި، އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ކެންސަރުޖެހި މަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. މާބަނޑު އަންހެނުންނަށް ދުންފަތުގެ އިސްތިއުމާލުކުރުމުން، ބަނޑުގައިވާ ދަރިފުޅު ބައިގެން ދިއުމަށާއި، ވިހެއުމުގެ ކުރީން ދަރިފުޅު މަރުވުމަށާއި، ގޮހޮރު ފާރުވުން ފަދަ ކަންތައްތަކަށް މަގުފަހިވާ ކަމެއް ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުމުން ގެއްލުން ލިބެނީ ހަމައެކަނި އެކަން ކުރާ ބަޔަކަށް ނޫން ކަމަށެވެ. މީހުން އެއްވެ އުޅޭ ތަންތާނގައި، ދުންފަތުގެ އިސްތިއިމާލު ކުރުމުން، އެ ތަނެއްގައި ތިބި ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންނަށް ވެސް ބޮޑެތި ގެއްލުން ލިބޭ ކަމަށެވެ. އެހެންކަމުން، ދުނިޔޭގެ ގިނަ ގައުމުތަކުގައި މިއަދު ވަނީ މީހުން އެއްވެއުޅޭ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށްފައެވެ. މިގޮތުން މަތިންދާބޯޓުތަކާއި އެއާޕޯޓުތަކާއި، ސަރުކާރުގެ އޮފީސްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި މަދަރުސާ ފަދަ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، ސިނގިރޭޓެއް ބޮއި ނިމެންދެން، އެ މީހަކާ އެއް މަޖިލީހެއްގައި ހުރި މީހަކަށް، ސިނގިރޭޓެއްގެ ދެބައިކުޅަ އެއްބައި ބުއިމުން ލިބޭނޭ ގެއްލުން ލިބިފައިވާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

"އެހެންކަމުގައިވާ ނަމަ، ތިމާގެ ވަށައިގެން އުޅޭ މީހުންނާއި ތިމާއަށް ވުރެ ޢުމުރުން ދޮށީ މީހުންނާއި، އަނބިދަރީންނާއި، ގާތްތިމާގެ މީހުންގެ މޫނާ ދިމާއަށް، ދުންފަތުގެ ވިހަ ދުން ދޫކުރުން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟" ހުތުބާގައި ވިދާޅުވިއެވެ. ހުތުބާ ނިންމަވާލައްވަމުން ވިދާޅުވީ، ކޮންމެ މީހެއްގެ ވެސް އެންމެ ގާތުގައިވާނީ، އެ މީހެއްގެ ދެ ކޮނޑުގައިވާ ދެ މަލާއިކަތްބޭކަލުން ކަމަށާއި، އެހެންކަމުން މިފަދަ ނޭދެވޭ ކަންކަމުން ދުރުހެލިވުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *