Tuesday, 28 July 2026

އިޒްރޭލުގެ ސިފައިން އިތުރު ހަތް ފަލަސްތީނު މީހުން ޝަހީދުކޮށްލުމަށްފަހު ރަފާހު ގޭޓް ހުޅުވާލާނެކަން އިއުލާންކޮށްފި

އިޒްރޭލުގެ ސިފައިން ޣައްޒާގައި ދެ ކުދިން ހިމެނޭ ގޮތަށް ހަތް ފަލަސްތީނުގެ މީހުން ޝަހީދުކޮލުމަށްފަހު، ހަނގުރާމައިގެ ސަރަހައްދުން ބޭރުވާ މީހުންނަށް ޚާއްސަކޮށް ރަފާހު ގޭޓް ހުޅުވާލާނެކަން އިއުލާންކޮށްފިއެވެ.

ބުދަ ދުވަހު ހިންގި މި ގަތުލުތަކަކީ އެމެރިކާ މެދުވެރިވެގެން ޣައްޒާގައި ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލުން ޚިލާފުވި އެންމެ ފަހުގެ ހާދިސާއެވެ. މި ހަމަލާތައް ދީފައިވަނީ، ޣައްޒާގެ ދެކުނު ރަފާހު ސަރަހައްދުގައި، މިސްރާ ގުޅޭ ބޯޑަރާ ކައިރީގައި ހަމާސްގެ ހަނގުރާމަވެރިން ހަތަރު ސިފައިންނަށް ހަމަލާދީ ޒަޚަމްކޮށްލި ކަމަށް އިޒްރޭލުގެ ސިފައިން ތުހުމަތުކުރި ފަހުންނެވެ.

މެޑިކަލް ފަރާތްތަކުން ބުނި ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޣައްޒާ ސިޓީގެ އުތުރުގައިވާ ޒައިތޫން އަވަށްތެރޭގައި އިޒްރޭލުގެ ބަޑީގެ ހަމަލާއަކުން މަރުވި ދެ ފަލަސްތީނުގެ މީހުންނާއި، ދެކުނުގެ އަލް-މަވާސީ ކޭމްޕަށް ދިން ހަމަލާތަކުގައި މަރުވި ފަސް މީހުންނެވެ. އަލް-މަވާސީގައި ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން އެތައް ފޭލިގެއެއްގައި ވަނީ އަލިފާން ރޯވެފައެވެ.

ކުވައިތު ހޮސްޕިޓަލްގެ މަސްދަރުތަކުން ބުނި ގޮތުގައި މަރުވި ކުދިންގެ އުމުރަކީ އަށް އަހަރާއި 10 އަހަރެވެ. އަދި އިތުރު 32 ފަލަސްތީނުގެ މީހުންނަށް ވަނީ އަނިޔާވެފައެވެ. ފަލަސްތީނުގެ ވައްފާ ނިއުސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި ބައެއް މީހުން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.

ހަމާސްއިން ވަނީ އަލް-މަވާސީ ހަމަލާ ކުށްވެރިކޮށް، އެއީ އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިހާނެތިކޮށް ހިތުން ދައްކުވައިދޭ "ހަނގުރާމައިގެ ކުށެއް" ކަމަށް ސިފަކޮށްފައެވެ. އެ ޖަމާއަތުން ވަނީ މެދުވެރިން ކަމަށްވާ މިސްރާއި، ޤަތަރާއި، އެމެރިކާއިން އިޒްރޭލުގެ ސިފައިން ކޮންޓްރޯލްކުރުމަށް ގޮވާލާފައެވެ. ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، އޮކްޓޯބަރު 10 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އައި ފަހުން އިޒްރޭލުގެ ސިފައިން ވަނީ މަދުވެގެން 591 ފަހަރު އެއްބަސްވުމާ ޚިލާފުވެ، މަދުވެގެން 360 ފަލަސްތީނުގެ މީހުން މަރާލައި، 922 މީހުންނަށް އަނިޔާކޮށްފައެވެ.

މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނެނީ ޓްރަމްޕްގެ 20 ނުކުތާގެ ޕްލޭނުގެ ފުރަތަމަ ފިޔަވައްސެވެ. އެއީ ޣައްޒާގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ނިންމުމަށް ހުށަހެޅި ޕްލޭނެކެވެ. މި ފުރަތަމަ ފިޔަވަހީގައި އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން އެ ސަރަހައްދަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، "ރަފާހު ގޭޓް ދެކޮޅަށް ހުޅުވާލުމަށް" ގޮވާލައެވެ.

ނަމަވެސް އިޒްރޭލުން އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލާފައިވާއިރު، އިޒްރޭލުގެ ސަރުކާރުގެ ހަރަކާތްތައް ކޯޑިނޭޓްކުރާ ޔުނިޓް (ކޯގާޓް) އިން ބުދަ ދުވަހު ބުނީ އަންނަ ދުވަސްތަކުގައި ރަފާހު ގޭޓް ހުޅުވާލާނީ ހަމައެކަނި ޣައްޒާގެ ރައްޔިތުން މިސްރަށް ނުކުތުމަށް ކަމަށެވެ. ކޯގާޓްއިން އިތުރަށް ބުނީ ޣައްޒާއިން ފުރަން ބޭނުންވާ މީހުންނަށް ސެކިއުރިޓީގެ ހުއްދަ ބޭނުންވާނެ ކަމަށެވެ. އިޒްރޭލުގެ މި ބަޔާނާއެކު، މިކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ދާއިމީ ގޮތެއްގައި ހިޖުރަކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *