ހޮންގްކޮންގްގެ އިމާރާތްތަކެއްގައި ރޯވި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު އާދިއްތަ ދުވަހު 146 އަށް އަރާފައިވާ ކަމަށް އެ ސިޓީގެ ތަހުގީގު ޓީމުން ބުނެފިއެވެ. އަލިފާނުގެ ސަބަބުން އަނދާ ހުލިވެފައިވާ އިމާރާތްތަކުގެ ތެރެއިން އިތުރު ހަށިތައް ފެނިފައިވާ ކަމަށް ތަހުގީގު ޓީމުން ބުނެއެވެ. މި ހާދިސާއަކީ ހޮންގްކޮންގްގެ ތާރީޚުގައި ހިނގާފައިވާ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. ހާދިސާ ހިނގި ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މާބޮނޑިތައް ބަހައްޓައި، ހާދިސާގައި މަރުވި މީހުންނާމެދު ހިތާމަ ފާޅުކޮށްފައެވެ.
ހޮންގްކޮންގްގެ ފުލުހުންގެ ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން ޔުނިޓުން ވަނީ ވާންގް ފުކް ކޯޓް ކޮމްޕްލެކްސްގެ އިމާރާތްތައް ވަރަށް ފަރުވާތެރިކަމާއެކު ބަލާފައި ކަމަށް، އެ މަސައްކަތުގެ އިސް އޮފިސަރު ޗެންގް ކާ-ޗުން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހަށިތައް ފެނިފައިވަނީ އެޕާޓްމަންޓް ޔުނިޓްތަކާއި، އިމާރާތްތަކުގެ ފުރާޅުތަކުން ކަމަށެވެ. އިމާރާތްތަކުގެ ބިންގާ ވަރުގަދައަށް ހުރި ނަމަވެސް، އެތެރޭގެ ހާލަތު ގޯސްވުމުގެ ސަބަބުން ހޯދުމުގެ މަސައްކަތް ވަރަށް ލަސްކަމަށް އޭނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވިއެވެ.
"އެތެރެ ވަރަށް އަނދިރި. އެހެންވެ ވަކިން ހާއްސަކޮށް ދޮރުތަކާއި ދުރު ހިސާބުތަކުގައި މަސައްކަތް ކުރުން ވަރަށް ދަތި," ޗެންގް ވިދާޅުވިއެވެ.
ޗެންގް ވިދާޅުވި ގޮތުގައި، މިހާތަނަށް ޓީމުން ވަނީ ހަތް ބްލޮކްގެ ތެރެއިން ހަތަރު ބްލޮކް ބަލައިފައެވެ. ފުލުހުންގެ ކެޝުއަލްޓީ ޔުނިޓްގެ އޮފިޝަލަކު ވިދާޅުވީ، އެންމެ ފަހުގެ ހޯދުންތަކުން އިތުރު 30 ހަށި ފެނިފައިވާ ކަމަށާއި، އޭގެ ތެރޭގައި ކުރިން ފަޔަރ ފައިޓަރުންނަށް ފެނިފައިވާ ނަމަވެސް ނަގާފައިނުވާ 12 ހަށި ހިމެނޭ ކަމަށެވެ. އަދި އިތުރު 100 މީހުންގެ ހަބަރެއް ނުވާ ކަމަށާއި، 79 މީހުންނަށް އަނިޔާވެފައިވާ ކަމަށް ޓްސަންގް ވިދާޅުވިއެވެ.
ޓައި ޕޯ ސަރަހައްދުގެ ވާންގް ފުކް ކޯޓް ކޮމްޕްލެކްސްގެ އަށް އިމާރާތުގައި މަރާމާތުގެ މަސައްކަތްތަކަށް ބޭނުންކުރާ ނައިލޯން ނެޓްތަކުންނެވެ. އަދި ދޮރުތައް ވަނީ ޕޮލިސްޓައިރީން ޕެނަލްތަކުން ބަންދުކޮށްފައެވެ. އަލިފާނާ ބެހޭ ގާނޫނާ ޚިލާފު ވެފައިވޭތޯ ބެލުމަށް އޮތޯރިޓީތަކުން ދަނީ ތަހުގީގު ކުރަމުންނެވެ. ހޮންގްކޮންގްގެ އޮފިޝަލުން ވަނީ ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި، އެއް ކޮންޓްރެކްޓަރ ކަމަށްވާ ޕްރެސްޓީޖް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކޮމްޕެނީ (ޕީސީއީ) އިން ހިންގާ 28 މަޝްރޫޢެއްގެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފައެވެ.
މި އަލިފާން ރޯވި ދުވަހުގެ ފަހު ދުވަހު، ތިން ފިރިހެނެއް ވަނީ މީހުން މެރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އެއީ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ޑިރެކްޓަރުންނާއި އިންޖިނިއަރިން ކޮންސަލްޓެންޓެކެވެ. ފުލުހުން ބުނީ ކުންފުނީގެ ވެރިން ބޮޑެތި އިހުމާލުވުންތަކެއް ވެފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށެވެ.


