އަވަށްޓެރި ސްރީލަންކާއަށް އެރި "ޑިޓްވާ" ތޫފާނުގެ ސަބަބުން ދިމާވި ބޮޑެތި ގެއްލުންތަކަށް އެހީވުމުގެ ގޮތުން، ދިވެހި ސަރުކާރުން 50،000 އެމެރިކާ ޑޮލަރާއި 25،000 މަސް ދަޅު ކޭސް ހަދިޔާކުރަން ނިންމައިފިއެވެ. މި އެހީގެ މަގްސަދަކީ ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ލަންކާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، 'ޑިޓްވާ' ތޫފާނާ ގުޅިގެން ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އެ ގައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމަކީ މި ނިންމުމުގެ ބޭނުން ކަމަށެވެ. މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި، "މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަމެވެ."
ތޫފާން 'ޑިޓްވާ’ގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 69 މީހަކު މަރުވެފައި ވާއިރު، 34 މީހަކު ވަނީ ގެއްލިފައެވެ. ގިނަ އަދަދެއްގެ ރައްޔިތުންގެ ގެދޮރަށް ގެއްލުން ވެފައިވާއިރު، މިކަމުގެ ސަބަބުން އެ ގައުމުގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި ގަދަ ވިއްސާރައިގެ ސަބަބުން ދިމާވެފައިވާ ހާލަތާ ގުޅިގެން ސްރީލަންކާއިން ވަނީ ބައިނަލްއަގުވާމީ އެހީއަށް އެދިފައެވެ. ލަންކާގެ މި ގޮވާލުމަށް އެންމެ ފުރަތަމަ އިޖާބަދިން ގައުމުތަކުގެ ތެރޭގައި އަވަށްޓެރި އިންޑިއާ ހިމެނެއެވެ.


