Tuesday, 28 July 2026

ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ފެންމަތިވުމާއެކު، ޔޫކްރެއިން ސަރުކާރުގެ އިސް ވަޒީރުންތަކެއް އިސްތިއުފާދީފި

ޔޫކްރެއިންގެ ހަކަތަ ކުންފުންޏަކާ ގުޅިގެން ހިންގި ބޮޑު ކޮރަޕްޝަން މައްސަލައެއްގެ ތެރެއިން ސަރުކާރުގެ އިސްވެރިންނަށް ފާޑުކިޔުން އަމާޒުވުމާ ގުޅިގެން އެ ޤައުމުގެ އިސް ދެ ވަޒީރަކު އިސްތިއުފާދެއްވައިފިއެވެ. ރަޝިޔާއިން އަލުން ހަމަލާތައް ދޭން ފެށުމުގެ ސަބަބުން މިހާރު ވެސް އެ ގައުމުގެ ހަކަތަ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފިނި މޫސުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، ދައުލަތުގެ ނިއުކްލިއާ ހަކަތަ ކުންފުނި ހިމެނޭ ގޮތަށް ހިންގި ބޮޑު އެމްބެޒްލްމަންޓް އަދި ކިކްބެކްސްގެ މައްސަލައެއް ވަނީ އިސްވެރިންގެ ސަމާލުކަމަށް އައިސްފައެވެ.

މި މައްސަލަ މިހާރު ވަނީ ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމަށް ފަހު ދެން އެ ގައުމަށް ދިމާވި އެންމެ ބޮޑު ސަރުކާރުގެ ކްރައިސިސްގެ ގޮތުގައި ބެލެވިފައެވެ. މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވަނީ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ގާތް ގުޅުމެއް ހުރި ފަރާތެއް މި މައްސަލައިގައި ބައިވެރިވެއެވެ. އާންމުންގެ ފާޑުކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުން ޒެލެންސްކީ ވަނީ މި ތަހުގީގާ ގުޅިގެން އޭނާގެ ޖަސްޓިސް އަދި އެނާޖީ މިނިސްޓަރުން ވަކިކުރުމަށް ގޮވާލާފައެވެ. އެ ދެ ވަޒީރުން ވެސް ވަނީ ފަހުން އިސްތިއުފާގެ ސިޓީ ބޮޑު ވަޒީރަށް ހުށަހަޅާފައެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކުން، 15 މަސް ދުވަހުގެ ތަހުގީގެއްގެ ނަތީޖާ ހާމަކުރިއިރު، އެ ތަހުގީގުގައި 1،000 ގަޑިއިރުގެ ވަޔަރޓެޕްސް (ރެކޯޑިން) ހިމެނެއެވެ. މިކަމާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ހަކަތަ ދާއިރާގައި 100 މިލިއަން ޑޮލަރުގެ ކިކްބެކްސްއާ ގުޅުން ހުރި އިތުރު ހަތް މީހަކު ވެސް ހިމެނެއެވެ. ޒެލެންސްކީ ކުރިން ބާރު ކަނޑުވާލަން މަސައްކަތްކުރެއްވި އެންޓި-ކޮރަޕްޝަން ވޮޗްޑޮގްސް އިން މި މައްސަލަ ހާމަކުރިއިރު، ރަޝިޔާއިން މުހިންމު އިންފްރާސްޓްރަކްޗަރަށް ހަމަލާދީ، ގުދުރަތީ ގޭސް އުފެއްދުން ހުއްޓުވަން މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، ޔޫކްރެއިނުގެ އޮފިޝަލުން ދަނީ ހަކަތައިގެ ދަތިކަން ހައްލުކުރުމަށް ޔޫރަޕުގެ ފައިސާ ހޯދުމަށް މަސައްކަތްކުރަމުންނެވެ.

ޔޫކްރެއިން މިނިވަންވީއްސުރެ ކޮރަޕްޝަނުގެ ވަބާގައި ޖެހިފައިވާ ގައުމެކެވެ. އަދި ޒެލެންސްކީ އިންތިހާބުވެފައިވަނީ ކޮރަޕްޝަން ނައްތާލުމުގެ ވައުދާއެކުގައެވެ. މިދިޔަ އަހަރު ވެސް އަސްކަރީ މުދާ ހޯދުމުގެ މައްސަލަތަކެއްގައި ދިފާއީ ވަޒީރު އޮލެކްސީ ރެޒްނިކޯ ވަނީ މަގާމުން ވަކިކޮށްފައެވެ. ނޭޝަނަލް އެންޓި-ކޮރަޕްޝަން ބިއުރޯ (ނާބޫ) އިން ވަނީ މި ސްކީމަށް “މިޑާސް” ގެ ނަން ދީފައެވެ. ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި، މި ނެޓްވޯކުން ވަނީ ކޯޑް ނަންތަކާއި ސިއްރު ބަސްތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމާއި، އެނާޖީ ކުންފުނި އެނާގޯއަޓަމްގެ ކޮންޓްރެކްޓަރުންނަށް ޕްރެޝަރުކޮށް، އެމީހުންނަށް ވިޔަފާރިކުރުމުގެ ބަދަލުގައި 10%-15% އާއި ދެމެދުގެ ކިކްބެކްސް ނަގާފައެވެ. ނާބޫ އިން ބުނެފައިވަނީ މި ތަހުގީގަށް 70 އަށް ވުރެ ގިނަ ރެއިޑް ހިންގާފައިވާ ކަމަށާއި، މިކަމަށް ޒެލެންސްކީ ވަނީ މަރުހަބާ ދަންނަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *