ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި ސަރުކާރުގެ ނަޒަރުގައި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް ކަމަށެވެ. އެހެންކަމުން، އެ ރަށެއްގެ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން މި ސަރުކާރުން ފެށި، އެއްބަސްވުންތަކުގައި ސޮއިކުރެވި، އަދި ނިމިގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ވަޢުދުތައް ފުއްދުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަކީވެސް، އަޅުގަނޑު ކުރިމަތީގައި މި ސަރުކާރުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތުންނޭ، އެރަށެއްގެ ރައްޔިތުންނަށް ކޮށްދޭން އޮތް ކަމެއްވިއްޔާ މިގޮތުގައި ކުރިއަށްގެންދާނެ، ކަންކަން ފެށި ނިމި ސޮއިކުރެވި، ކޮންމެ ރަށެއްގައިވެސް ފެނިގެންދާނެ، ކަންކަން ހިނގަމުންދާ ތަން ނިމެމުންދާތަން، އާ މަޝްރޫޢުތައް ފެށޭތަން." ރައީސް ވިދާޅުވިއެވެ.
ރައީސްވަނީ ގުޅީގައި ހިއްކުނު ބިމަކީ ރަށުގެ ތަރައްޤީގެ ގިނަ ކަންކަމަށް މަގުފަހިކޮށްދޭނެ މުހިންމު ބިންގަލެއްކަން ފާހަގަކުރައްވާފައެވެ. ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އިޖުތިމާޢީ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އެމަނިކުފާނު ޔަޤީންކަން ދެއްވިއެވެ.


