ފިލިޕީންސްގެ މޫސުމާބެހޭ އިދާރާއިން ވަނީ، ޓައިފޫން ފަންގް-ވޮންގް (ލޯކަލް ނަމުން: އުވާން) އެ ގައުމުގެ އިރުމަތީ އައްސޭރިއާ ދިމާލަށް އަރަމުންދާތީ، ފަސް މީޓަރާ ހަމައަށް އުފުލޭ ނުރައްކާތެރި ތޫފާން ރާޅުތަކާއި ވައިގެ ވިއްސާރައިގެ އިންޒާރު ދީފައެވެ. މި ތޫފާން އާދީއްތަ ދުވަހުގެ ރޭ ފިލިޕީންސްގެ ބިމާ ހަމައަށް އައުމުގެ ކުރިން 'ސުޕަރ ޓައިފޫނެއް’ގެ ގޮތުގައި ބާރުގަދަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ޕީއޭޖީއޭއެސްއޭގެ މޫސުމާބެހޭ ލަފާދޭ ބެނިސަން އެސްތަރޭޖާ ވިދާޅުވީ، 1,500 ކިލޯމީޓަރު (932 މޭލު) އަށް ފެތުރިފައިވާ މި ބޮޑު ތޫފާނުގެ ސަރކިއުލޭޝަންގެ ސަބބުން މިހާރުވެސް ފިލިޕީންސްގެ އިރުމަތީގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވައި ގަދަވަމުންދާ ކަމަށެވެ. އަދި އެސްތަރޭޖާ ވިދާޅުވީ، މި ތޫފާނަށް ގާތްގަނޑަކަށް މުޅި ގައުމު ކަވަރުކޮށްލެވިދާނެ ކަމަށެވެ. މިހާރު ފަންގް-ވޮންގްގައި އެންމެ ބާރަށް ވައި ޖެހޭ މިންވަރަކީ ގަޑިއަކު 140 ކިލޯމީޓަރުކަމަށާއި، ގަޑިއަކު 170 ކިލޯމީޓަރަށް ވައި ގަދަވާ ކަމަށެވެ. އަދި ބިމާ ގާތްވުމުން ގަޑިއަކު 185 ކިލޯމީޓަރަށް ބާރުގަދަވެ، ގެތަކާއި ގަސްތަކާއި އިމާރާތްތައް ވައްޓާލުމުގެ ބާރު މި ތޫފާނުގައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
މި ތޫފާނުގެ ސަބަބުން ފިލިޕީންސްގެ އިރުމަތީގެ ޕްރޮވިންސްތަކަށް، ޚާއްސަކޮށް ބިކޯލް ސަރަހައްދަށާއި ސަމާރގެ ބައެއް ސަރަހައްދުތަކަށް 200 މިލިމީޓަރާ ހަމައަށް ވާރޭވެހި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ ބޮޑުވެފައިވެއެވެ. އަދި އުތުރުގެ އަދި މެދުތެރޭ ލޫޒޯން ސަރަހައްދުތަކަށް ވެސް 100-200 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ. ޕީއޭޖީއޭއެސްއޭއިން ވަނީ ތިރި ހިސާބުތަކާއި އައްސޭރިފަށުގެ ރަށްރަށުގެ ރައްޔިތުންނަށް އުސް ހިސާބުތަކަށް ހިޖުރަކުރުމަށާއި، ކަނޑުގެ ހުރިހާ ހަރަކާތެއް ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.
މި ތޫފާނާ ގުޅިގެން ބައެއް ލޯކަލް ސްކޫލްތަކުން ވަނީ ހޯމަ ދުވަޙާއި ހަމަޔަށް ކްލާސްތައް ހުއްޓާލާފައެވެ. އަދި ފިލިޕީންސްގެ ފްލެގް ކެރިއަރ އިން ވަނީ ފަންގް-ވޮންގް ބިމާ ހަމައަށް އައުމުގެ ކުރިން ބައެއް ދަތުރުތައް ކެންސަލްކޮށްފައެވެ. މި އިންޒާރު އައިސްފައި މިވަނީ، ޓައިފޫން ކަލްމޭގީގެ ސަބަބުން މި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބި، އައްސޭރިފަށުގެ އާބާދީތައް ހަލާކުވެ، ގަސްތައް ވެއްޓި، ގެތައް ސުންނާފަތިވެގެން ދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
ކަލްމޭގީގެ ސަބަބުން ފިލިޕީންސްގައި 204 މީހުންނާއި ވިއެޓްނާމްގައި ފަސް މީހުން މަރުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހި، ބޮޑު ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިގެން ދިޔައެވެ. ވިއެޓްނާމްގެ ކާރިސާ އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް 2,800 ގެއަށް ގެއްލުން ލިބިފައިވާއިރު، 500,000 އެއްހާ މީހުންނަށް އަދިވެސް ކަރަންޓުގެ ޚިދުމަތް ނުލިބެއެވެ.


