Tuesday, 28 July 2026

އަމިއްލައަށް އުމްރާއަށް ދިއުމަށް ސައުދީ ސަރުކާރުން އަގުހެޔޮ ޕެކޭޖުތަކެއް ތައާރަފްކޮށްފި

ގުރޫޕަކާ ނުލައި ވަކިން އަގުހެޔޮކޮށް އުމްރާގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް، ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާ މިނިސްޓްރީން "ނުސޫކު އުމްރާ"ގެ ނަމުގައި ޚާއްސަ ޕެކޭޖުތަކެއް ލޯންޗުކޮށްފިއެވެ. މި ޚިދުމަތުގެ ސަބަބުން އުމްރާއަށް ދާ މީހުންނަށް ކޮންމެހެން ސީދާ އެމްބަސީއަށް ނުގޮސް، އޮންލައިންކޮށް ފަސޭހަ ކަމާއެކު އެ މީހަކަށް އެންމެ އެކަށީގެންވާ ޕެކޭޖެއް ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕެކޭޖުތަކުގެ ދަށުން އުމްރާއަށް ދާ މީހުންގެ ހުރިހާ ކަމެއް ސައޫދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ބަލަހައްޓާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، މި ޚިދުމަތުގެ ބޭނުން ހިފާ ފަރާތްތަކަށް އިންޝުއަރެންސް ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވެއެވެ. "ނުސޫކް އުމްރާ"ގެ ވެބްސައިޓުގައިވާ ގޮތުން، އުމްރާވެރިން ސައޫދީއަށް ގޮސް އެ ގައުމުން ފުރުމާ ހަމައަށް ރައްކާތެރިކަން ދީ، ތަފާތު ތަޖުރިބާއެއް ލިއްބައިދޭނެކަމުގެ ޔަގީންކަން ދެއެވެ. އެގޮތުން ކުޑަ ޚަރަދަކުން ވިސާއާއި ހުރުމާއި ދުވާލުގެ ކެއުމާއި ދަތުރުފަތުރާއި ތަންތަނަށް ޒިޔާރަތްކުރުމުގެ ކަންކަން ހަމަޖައްސައިދޭނެއެވެ.

މި ޚާއްސަ ޕެކޭޖުތަކުގެ ބޭނުން ހިފުމަށް އެންމެ ފުރަތަމަ ޖެހޭނީ ނުސޫކް އުމްރާގެ ވެބްސައިޓަށް ވަދެ ރަޖިސްޓްރީކޮށްލާށެވެ. ރަޖިސްޓްރީވުމުގެ ތެރޭގައި އެ މީހަކު މިހާރު ދިރިއުޅޭ ގައުމާއި ނިސްބަތްވާ ގައުމާއި އީމެއިލް އެޑްރެސް ހިމަނަން ޖެހެއެވެ. އެއަށްފަހު، އެވަގުތު ނެގެން ހުރި ޕެކޭޖުތަކުގެ މައުލޫމާތު ވެބްސައިޓުން ފެންނާނެއެވެ.

"ނުސޫކު އުމްރާ"ގެ ދަށުން ވިސާ ހިމެނޭ އަދި ނުހިމެނޭ ޖުމްލަ 65 ޕެކޭޖަކުން ބޭނުން ޕެކޭޖެއް އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބެއެވެ. މި ޕެކޭޖުތަކުގެ އަގުތައް އުޅެނީ 2،500 ސައޫދީ ރިޔާލު (10،269.08 ރުފިޔާ)އިން ފެށިގެން 14،573.60 ރިޔާލު (59،863 ރުފިޔާ)އާ ދެމެދުގައެވެ. ޕެކޭޖުތަކުގެ މުއްދަތުތަކަކީ އެންމެ މަދުވެގެން ފަސް ދުވަހާއި އެންމެ ގިނަވެގެން ތިން ހަފުތާއާ ދެމެދުގެ މުއްދަތުތަކެވެ. އަދި މަދުވެގެން އެކަކަށް އަދި ގިނަވެގެން އަށް މީހުންނަށް އެއްފަހަރާ ޕެކޭޖެއް ނެގޭނެއެވެ. އުމްރާ ދަތުރުގައި ހަމައެކަނި މައްކާގައި ނުވަތަ މައްކާއާއި މަދީނާގައި މަޑުކުރުމުގެ އިޚްތިޔާރު ވެސް މި ޕެކޭޖުތަކުގެ ދަށުން ލިބިގެންދެއެވެ. މި ޚިދުމަތް ސައޫދީގެ 15 ޖަމާއަތަކުން ފޯރުކޮށްދޭނެ ކަމަށް ވެސް ވަނީ ހާމަވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *