ޔޫކްރޭނުގެ ވެރިރަށް ކިޔިވްއަށް ރޭ ދިން ވައިގެ ޙަމަލާތަކެއްގައި ތިން މީހުން މަރުވެ، 29 މީހުންނަށް އަނިޔާވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު ވިދާޅުވެއްޖެއެވެ. މި ޙަމަލާތަކަކީ ރަޝިޔާއިން ދިން ޙަމަލާތަކެކެވެ.
މި ޙަމަލާތަކުގައި ދެ ބުރީގެ އިމާރާތަކަށް ގެއްލުން ވެފައިވާ ކަމަށް ކިޔަފްގެ މޭޔަރު ވިޓަލީ ކްލިޗްކޯ ޓެލެގްރާމް މެދުވެރިކޮށް ހާމަކުރެއްވިއިރު، އަނިޔާވި މީހުންގެ ތެރޭގައި ހަ ކުދިން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަޝިޔާގެ މި ޙަމަލާތައް އަމާޒުވަމުންދަނީ މަދަނީ އަމާޒުތަކަށާއި، މިނޫނަސް އަވަށްޓެރި ޤައުމުތަކުގެ އެނަރޖީ ފެސިލިޓީސްތަކަށެވެ. އެގޮތުން، ޔޫކްރޭނުގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އެކަނި މިދިޔަ ހަފްތާގައި 1،200 ޑްރޯން ޙަމަލާ ރަޝިޔާއިން ވަނީ ދީފައެވެ.
ކިޔިވްގެ އޮފިޝަލުން ވިދާޅުވީ ތިން މީހުން މަރުވީ އެ ސިޓީގެ ހުޅަނގު އުތުރުގައި އޮންނަ ޑެސްނިޔާންސްކީ ޑިސްޓްރިކްޓްގައި ހުރި ނުވަ ބުރީގެ ރަސްމީ އިމާރާތަކަށް ޑްރޯނެއް ވެއްޓިގެން ކަމަށެވެ. އަދި ހަމަ މި ޙަމަލާގައި 24 މީހުންނަށް އަނިޔާވި ކަމަށް ވެސް އޮފިޝަލުން ވިދާޅުވިއެވެ. މީގެ އިތުރުން، ކިޔަފްގައި ހުރި އިތުރު ތިން ރަސްމީ އިމާރާތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށާއި، ދެ ކުއްޖާ ހިމެނޭހެން ހަތް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވިއެވެ.
ރަޝިޔާއިން 2022 ވަނަ އަހަރު ޔޫކްރޭނަށް ފުޅާދާއިރާގައި އަރައިގަތުމަށްފަހު، މިހާރު ޔޫކްރޭނުގެ ގާތްގަނޑަކަށް %20 ސަރަހައްދެއްވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މީގެތެރޭގައި 2014 ވަނަ އަހަރު ރަޝިޔާއިން ހިފި ކްރިމިޔާ ޕެނިންސުލާ ހިމެނެއެވެ.
ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ދާދިފަހުން ވަނީ، ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި، ދިގު ރާސްތާގެ ހަތިޔާރު ފޯރުކޮށްދިނުމަށް އެކުވެރި ޤައުމުތަކަށް ގޮވާލާފައެވެ. ނަމަވެސް، ވައިޓް ހައުސްގައި ބޭއްވުނު ބައްދަލުވުމަކާއި، އޭގެ ފަހުން ބޭއްވުނު ޔޫރަޕިއަން ޔޫނިއަންގެ ސަމިޓުން ޒެލެންސްކީއަށް އެދިވަޑައިގެންނެވި އެއްވެސް އެހީއެއް ލިބިފައެއް ނުވެއެވެ.


