2025 ވަނަ އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ޗައިނާއިން އެމެރިކާ ފަހަތަށް ޖެއްސުމަށްފަހު ޖަރުމަނުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާގެ މަގާމު ހޯދައިފިއެވެ.
ޖަރުމަނުގެ ތަފާސްހިސާބު އޮފީހުން މިކަން ހާމަކޮށްފައިވަނީ ވަގުތީ ދިރާސާ ރިޕޯޓެއްގައެވެ. ރޮއިޓާސް އިން ހިސާބުކޮށްފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ޖަރުމަނާއި ޗައިނާއާ ދެމެދު ޖުމްލަ 190.7 ބިލިއަން ޑޮލަރު (163.4 ބިލިއަން ޔޫރޯ) ގެ ވިޔަފާރި ކުރިއިރު، އެމެރިކާއާ ދެމެދު ވިޔަފާރީގެ އަދަދު ހުރީ 189 ބިލިއަން ޑޮލަރު (162.8 ބިލިއަން ޔޫރޯ) ގައެވެ. މިގޮތުން އެމެރިކާއަށްވުރެ ކުޑަ މިންވަރެއްގެ ކުރިއެރުމެއް ޗައިނާއިން ވަނީ ހޯދާފައެވެ.
2024 ވަނަ އަހަރު، ޖަރުމަނުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާގެ ގޮތުގައި އެމެރިކާ ހުއްޓެވެ. މިއީ ޗައިނާއިން ޖަރުމަނުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާގެ މަގާމު އަށް އަހަރު ފުރުމަށްފަހު އެމެރިކާއަށް ލިބުނު ކާމިޔާބެކެވެ. ޖަރުމަނުން މަސައްކަތްކޮށްފައިވަނީ ސިޔާސީ ހިޔާލު ތަފާތުވުންތަކާއި، ޗައިނާއިން އިންސާފުން ބޭރުގެ އުސޫލުތައް ބޭނުންކުރާ ކަމަށް ތުހުމަތުކޮށް، ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށެވެ. ނަމަވެސް މި އަހަރު ވިޔަފާރީގެ ޑައިނަމިކްސް އަނެއްކާވެސް ބަދަލުވެފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގެންނެވުމާ ގުޅިގެން އަލުން ޓެރިފް (ފީ) ކެމްޕޭނެއް ފެށުމުންނެވެ.
ރައީސް ޓްރަމްޕްގެ ޓެރިފްތަކުގެ ސަބަބުން ޖަރުމަނުން އެމެރިކާއަށް ކުރާ އެކްސްޕޯޓް ވަނީ ދަށަށް ގޮސްފައެވެ. 2025 ވަނަ އަހަރުގެ ފުރަތަމަ އަށް މަސް ދުވަހު، 2024 ވަނަ އަހަރާ އަޅައިބަލާއިރު އެމެރިކާއަށް ކުރި އެކްސްޕޯޓް 7.4 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. ޚާއްސަކޮށް އޮގަސްޓް މަހު އެކްސްޕޯޓް 23.5 އިންސައްތަ ދަށަށް ދިއުމުން މި ޓްރެންޑް އިތުރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަން ހާމަވެއެވެ.
ބީޖީއޭގެ (ފޮރިން ޓްރޭޑް އެސޯސިއޭޝަން) ރައީސް ޑާކް ޖަންޑޫރާ ވިދާޅުވީ، އެމެރިކާގެ ޓެރިފާއި ވިޔަފާރީގެ ސިޔާސަތަކީ ވިއްކާ މިންވަރު ދަށަށް ދިއުމުގެ މުހިންމު ސަބަބެކެވެ. އޭނާ އިތުރަށް ވިދާޅުވީ ކާރު، މެޝިނަރީ އަދި ކެމިކަލްސް ފަދަ ޖަރުމަނުގެ ކްލާސިކް އެކްސްޕޯޓް މުދަލަށް އެމެރިކާއިން އޮންނަ ޑިމާންޑް ދަށްވެފައިވާ ކަމަށެވެ.
އައިއެންޖީ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގްލޯބަލް ހެޑް އޮފް މެކްރޯ، ކާސްޓަން ބްރެޒްކީ ވިދާޅުވީ، ޓެރިފްގެ ނުރައްކާ އަދި ޔޫރޯގެ ވަރުގަދަކަން އޮތުމާއެކު، އެމެރިކާއަށް ޖަރުމަނުގެ އެކްސްޕޯޓް އަވަހަށް ރަނގަޅުވާނެ ހެނެއް ހީނުވާ ކަމަށެވެ. ޗައިނާއަށް ކުރާ އެކްސްޕޯޓްވެސް ނުރައްކާތެރި މިންވަރަކަށް ދަށަށްދިޔަ ކަމުގައިވީ ނަމަވެސް، ޖުމްލަ ވިޔަފާރީގެ އަދަދު ބޮޑުވެފައިވަނީ ޗައިނާއިން ޖަރުމަނަށް އިމްޕޯޓް ކުރާ މިންވަރު އިތުރުވުމާ ގުޅިގެންނެވެ.
"ޗައިނާއިން އަލުން އިމްޕޯޓްތައް ބޮޑުވަމުންދާ މަންޒަރުން ކަންބޮޑުވާންޖެހޭ. ޚާއްސަކޮށް މި އިމްޕޯޓްތަކުގެ އަގު ހުންނަނީ 'ޑަމްޕިންގ ޕްރައިސް' ގައިކަން ތަފާސްހިސާބުތަކުން ދައްކާތީވެ." ބްރެޒްކީ ބުންޏެވެ.
އޭނާ އިންޒާރުދެއްވީ މި ޓްރެންޑްގެ ސަބަބުން ޖަރުމަނު ޗައިނާއަށް ބަރޯސާވާ މިންވަރު އިތުރުވުމުގެ އިތުރުން، ޗައިނާ ބޮޑު ވާދަވެރިއަކަށް ވެފައިވާ މުހިންމު ސިނާއަތްތަކަށް އިތުރު ބާރު ބޮޑުވާނެ ކަމަށެވެ. ބެރެންބާރގް ބޭންކްގެ އިގްތިސާދީ މާހިރު ސަލޮމަން ފީޑްލާ ވިދާޅުވީ ވެސް، ގައުމީ ފެންވަރުގައި އިގްތިސާދީ ހަރަކާތްތެރިކަމެއް ނެތުމާއެކު، ދުނިޔޭގެ މާކެޓްތަކަށް އަންނަ ކޮންމެ ބަދަލަކުން ވެސް ޖަރުމަނުގެ ބައެއް ފަރާތްތަކަށް ކަންބޮޑުވުން އުފެދިދާނެ، ކަމަށެވެ.


