ނޭޕާލްގެ ޒުވާނުންގެ "ޖެންޒީ" ހަރަކާތުން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމައިފިއެވެ. ނަމަވެސް އެ ޕާޓީން 2026 ވަނަ އަހަރުގެ މާރިޗު 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ބައިވެރިވާނީ ވަކި ޝަރުތުތަކެއް ފުރިހަމަވެގެން ކަމަށް ބުނެފައިވެއެވެ.
މި ހަރަކާތަކީ ފާއިތުވި މަހު ކޮރަޕްޝަނާ ދެކޮޅަށާއި، ސަރުކާރުން ސޯޝަލް މީޑިއާ މަނާކުރުމާ ދެކޮޅަށް ކުރެވުނު މުޒާހަރާތަކުގައި މުހިންމު ދައުރެއް އަދާކުރި ހަރަކާތެކެވެ. މި މުޒާހަރާތަކުގެ ސަބަބުން ކޭ.ޕީ ޝަރްމާ އޯލީގެ ވެރިކަން ވަނީ ވައްޓާލެވިފައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން، މި ހަރަކާތުގެ ލީޑަރު މިރާޖް ދުންގަނާ ވިދާޅުވީ އާ ޕާޓީގެ މަޤްޞަދަކީ މުޅި ނޭޕާލްގެ ޖެން-ޒެޑް ޒުވާނުންގެ އަޑު އެއް ފުރާޅެއްގެ ދަށަށް ގެނައުން ކަމަށެވެ. އަދި އިންތިޚާބުގައި ބައިވެރިވާނީ ސީދާ ވެރިއަކު އިންތިޚާބުކުރެވޭ ނިޒާމެއް ތަޢާރަފުކުރުމާއި، ބޭރުގައި ދިރިއުޅޭ ނޭޕާލް ރައްޔިތުންނަށް ވޯޓުލުމުގެ ހައްޤު ދިނުން ފަދަ ޝަރުތުތަކެއް ފުރިހަމަވުމުންނެވެ.
"އަޅުގަނޑުމެން ރަނގަޅު ވެރިކަމަކަށާއި، ހާމަކަން ބޮޑު އަދި ޖަވާބުދާރީވާ ނިޒާމަކަށް ޓަކައި މަސައްކަތްކުރާނަން. "ޖެންޒީ" ޒުވާނުން ކުރި ޤުރުބާނީތައް ބޭކާރުވެގެން ނުވާނެ،" ދުންގަނާ ވިދާޅުވިއެވެ.
އިޤްތިޞާދީ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަމުން، ދުންގަނާ ފާހަގަކުރެއްވީ ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި ވަޒީފާ ހޯދުމަށް ޒުވާނުން ބޭރަށް ދިއުމުގެ މައްސަލައަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


