ރަބާޓްގައި ދިރިއުޅޭ މާސްޓަރސް ދަރިވަރުން ވޭތުވެދިޔަ ހޮނިހިރު ދުވަހު އެޓްލަސް ލަޔަންސްގެ ދެ ޖާޒީ ގަނެ، އޭގައި "ފްރީ ފަލަސްތީން" އަދި "ތަޢުލީމާއި ސިއްހަތަކީ އެންމެންގެ ހައްގެކެވެ" މި އިބާރާތް ޕްރިންޓްކުރުމަށް ފިހާރައަކަށް ގެންގޮސްފައިވާ ކަމަށް މޮރޮކޯގެ ވެބްސައިޓް ބްލާދީން ލޯކަލް ވަކީލަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
އަދި އެ ދަރިވަރުން ވަނީ އެ ރަށުގެ މައި މަގަކުން އޭގެ އިރުކޮޅެއް ފަހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައެވެ. އަދި ޕްރިންޓިންގ ފިހާރައިގެ ވެރިފަރާތްވެސް ހައްޔަރުކޮށްފައިވެއެވެ. މި ތިން މީހުންވެސް ވަނީ ރަބާޓް ކޯޓު އޮފް ފަސްޓް އިންސްޓަންސްގެ ޕްރޮސެކިއުޓަރގެ އޮފީހަށް ގެންގޮސް، "ޝިއާރުތައް އުފެދޭ" ޕްރިންޓިން ހެދުމުގެ ދަޢުވާ އުފުލާފައެވެ.
މި މީހުން ހައްޔަރުކޮށްފައި ވަނީ އުތުރު އެފްރިކާގެ މި ރަސްކަމުގައި ޖެންޒެޑް 212 ނަމަކަށް ކިޔާ ޒުވާނުންގެ ޖަމާޢަތަކުން އިސްނަގައިގެން ކުރިއަށްގެންދާ އިޖްތިމާޢީ އިހްތިޖާޖުތަކެއްގެ ތެރޭގައެވެ. މި އިހްތިޖާޖުތަކުގައި ތަޢުލީމާއި ސިއްހީ ދާއިރާގެ އިސްލާހުތަކަށާއި، ކޮރަޕްޝަން ހުއްޓުވުމަށާއި، މިނިވަން ޝަރުޢީ ނިޒާމަކަށް ގޮވާލަމުންދެއެވެ.
މި އިހްތިޖާޖުތަކުގައި ބައިވެރިވާ ޒުވާނުން ވަކިން ޚާއްސަކޮށް ފާޑުކިޔަމުންދަނީ 2025 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އަދި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ޒަމާނީ ސްޓޭޑިއަމްތައް އެޅުމަށް ކުރެވޭ ބޮޑެތި އިންވެސްޓްމަންޓްތަކާ ދޭތެރޭގައެވެ. އެއީ މޮރޮކޯގެ ސިއްހީ އަދި ތަޢުލީމީ ނިޒާމުތަކަށް އެކަށީގެންވާ ފަންޑިންގ ނުލިބޭ ހާލުގައެވެ.


