އިންޑިޔާގެ އުތުރުގައި އޮންނަ ހިމާޗަލް ޕްރަދޭޝް ސްޓޭޓްގެ ބިލާސްޕޫރު ސަރަހައްދުގައި ފަރުބަދައެއް ކަނޑައިގެން ގޮސް ދަތުރުކުރި ބަހެއްގެ މައްޗަށް ފޭބުމުގެ ސަބަބުން 15 މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ އިދާރާތަކުން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 9 ފިރިހެނުންނާއި، 4 އަންހެނުންނާއި، 2 ކުޑަކުދިން ހިމެނެއެވެ. މި ހާދިސާ ހިނގި އިރު ބަހުގައި 20 އާއި 25 އާ ދެމެދުގެ އަދަދެއްގެ ފަސިންޖަރުން ތިބި ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ތިން ކުޑަކުދިން ޒަހަމްވެ، އެ ކުދިން ފަރުވާ ދިނުމަށް ގާތުގައި ހުރި ހޮސްޕިޓަލަކަށް ގެންދެވުނު ކަމަށް އެ ސްޓޭޓްގެ އެންމެ އިސް އިންތިހާބީ އޮފިޝަލް ސުކްވިންދަރ ސިންގް ސުކުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި މަރުވެފައި ވާނެ ކަމަށް ބެލެވޭ އެހެން ފަސިންޖަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާ ހިނގުމުގެ ކުރިން އެ ސަރަހައްދަށް ވިއްސާރަވެ، ގަދަ ވާރޭ ވެހެމުން ދިޔައެވެ. އަދި ހޯމަ ދުވަހުން ފެށިގެން މެދުކެނޑުމެއް ނެތި ވެހެމުންދިޔަ ވާރޭގެ ސަބަބުން ފަރުބަދަ ސަރަހައްދުތައް ވަނީ ނާޒުކު ހާލަތަކަށް ގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން އިންޑިޔާގެ ރައީސް ދްރައުޕަދީ މުރުމުއާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހަމްދަރުދީ ފާޅުކުރައްވާފައެވެ. އަދި މިއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވަމުންދާ ކަމެއް ކަމަށް މާހިރުން ފާހަގަކުރެއެވެ.


