އިންޑިއާގައި އަންނަ ބުދަ ދުވަހުން ފެށިގެން ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) މެދުވެރިކޮށް ކުރާ ޕޭމަންޓްތައް ފޭޝަލް ރެކޮގްނިޝަން އަދި ފިންގާޕްރިންޓް ބޭނުންކޮށްގެން ހުއްދަ ދިނުމުގެ ނިޒާމެއް ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ.
މި އާ ނިޒާމުގައި ބޭނުންކުރާނީ އިންޑިއާ ސަރުކާރުގެ އާދާރު ނިޒާމުގައި ރައްކާކުރެވިފައިވާ ބަޔޯމެޓްރިކް މައުލޫމާތެވެ. އާދާރު ނިޒާމަކީ އިންޑިއާގެ ރައްޔިތުންނަށް ދޫކޮށްފައިވާ ޔުނިކް އައިޑެންޓިފިކޭޝަން ނަންބަރު ނިޒާމެކެވެ. މީގެ ތެރޭގައި ރައްޔިތުންގެ ފިންގާޕްރިންޓް، އައިރިސް ސްކޭން އަދި ފޭޝަލް ރެކޮގްނިޝަން ފަދަ ބަޔޯމެޓްރިކް މައުލޫމާތު ހިމެނެއެވެ.
ރިޒާވް ބޭންކް އޮފް އިންޑިއާއިން އޮތެންޓިކޭޝަންގެ އިތުރު ގޮތްތަކަށް ހުއްދަ ދިނުމަށް ނެރުނު އާ ގަވާއިދުތަކާ ގުޅިގެން މި ބަދަލު ގެނެސްފައިވާއިރު، މިހާރު އޮތް ނިޒާމުގައި ޕޭމަންޓް ހުއްދަ ދިނުމަށް ނިއުމެރިކް ޕިން އެއް ބޭނުންކުރަން ޖެހެއެވެ. މި އާ ނިޒާމުގެ ސަބަބުން ފައިސާގެ މުއާމަލާތްތައް ކުރުން އިތުރަށް ފަސޭހަވެ، ހަލުވިވެ އަދި ސަލާމަތީ ގޮތުން އިތުރަށް ހަރުދަނާވާނެ ކަމަށް ބެލެވެއެވެ.
ޔޫޕީއައި ހިންގާ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އިން މިހާރު މުމްބާއީގައި ކުރިއަށްދާ ގްލޯބަލް ފިންޓެކް ފެސްޓިވަލްގައި މި އާ ބަޔޯމެޓްރިކް ފީޗާ ދައްކާލުމަށް ރާވާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުގައި ވެއެވެ.
އިންޑިއާއަކީ ދުނިޔޭގައި ޑިޖިޓަލް ޕޭމަންޓްގެ ދާއިރާގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް ގައުމެވެ. 2016 ވަނަ އަހަރު ތައާރަފުކުރެވުނު ޔޫޕީއައި ނިޒާމުގެ ސަބަބުން މިހާރު ވެސް މަހަކު އެވްރެޖްކޮށް ބިލިއަނެއްހާ ޕޭމަންޓް ކުރެވެއެވެ. މި އާ ބަޔޯމެޓްރިކް އޮތެންޓިކޭޝަން ނިޒާމަކީ ޑިޖިޓަލް ޕޭމަންޓް އިތުރަށް ހަރުދަނާކޮށް، ސަލާމަތާއި ފަސޭހަކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.


