އެމެރިކާއިން ވެނެޒުއޭލާއަށް ދައްކަމުންދާ ސިފައިންގެ ބިރަކީ ގާނޫނާ ޚިލާފު އަދި އެއްވެސް އަޚްލާގީ މިންގަނޑަކަށް ފެތޭ ކަމެއް ނޫން ކަމަށް ވެނެޒުއޭލާގެ ފޮރިން މިނިސްޓަރު އިވާން ގިލް ޕިންޓޯ ވަނީ އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވެއްޖެއެވެ. މިއީ އެމެރިކާއިން އެ ގައުމަށް ދެމުންދާ ހަމަލާތައް އިތުރުކުރަން ރާވަމުންދާ ކަމަށް ބެލެވޭ ދަނޑިވަޅެއްގައި ދެއްކެވި ވާހަކަފުޅެކެވެ.
ނިއުޔޯކުގައި ބޭއްވުނު އދ. ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޕިންޓޯ ވިދާޅުވީ، ކެރިބިއަން އަދި ދެކުނު އެމެރިކާއަށް ހަނގުރާމައެއް ގެނައުމުގެ މަސައްކަތްތަކާ ދެކޮޅަށް އަޑުއުފުލަމުންދާ ސަރުކާރުތަކާއި ރައްޔިތުންނަށް ޝުކުރުވެރިވާ ކަމަށެވެ. އެމެރިކާއިން ދައްކަމުންދާ ބިރުގެ މަގުސަދަކީ ބޭރުގެ ބާރުތަކަށް ވެނެޒުއޭލާގެ ތެލާއި ގޭހުގެ މުއްސަނދިކަން ވަގަށް ނެގުމަށް މަގުފަހިކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ފާއިތުވި ހަފްތާގައި، މަސްތުވާތަކެތި އުފުލަމުންދިޔަ އުޅަނދަކަށް ތިންވަނަ ފަހަރަށް ހަމަލާދީފައިވާ ކަމަށް ވިދާޅުވެފައެވެ. މިހާތަނަށް ދީފައިވާ ތިން ހަމަލާގައި މަދުވެގެން 17 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް، ބައިނަލްއަގުވާމީ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް މިފަދަ ހަމަލާތައް ދިނުމުގެ ގާނޫނީ ހައިސިއްޔަތާމެދު މާހިރުން ވަނީ ސުވާލު އުފައްދާފައެވެ.
އެމެރިކާއިން މިހާރު ވަނީ ވެނެޒުއޭލާގެ ސަރަހައްދީ ކަނޑުގައި 8 ހަނގުރާމަ ބޯޓު އަދި ޕިއުޓޯ ރިކޯގައި އެފް-35 ހަނގުރާމަ ވައިގެ އުޅަނދުތައް ބޭއްވުމަށް ނިންމާފައެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއްގެ ގޮތުގައި އެމެރިކާއިން ބުނެއެވެ. އަދި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯގެ ފަރާތުން އައި މަޝްވަރާގެ ދަޢުވަތު އެމެރިކާއިން ވަނީ ދެކޮޅުހަދާފައެވެ.


